ޚަބަރު

ސަރުކާރުން އަޅާ 4،200 ހައުސިން ޔުނިޓްގެ މަސައްކަތް ނޮވެމްބަރުގައި ފަށަނީ

ފަތޯނާ ފާއިޒު

މި ސަރުކާރުން އަޅަން ނިންމާފައިވާ 4200 ސޯޝަލް ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުން މާލޭ ސަރަހައްދުގައި އަޅަން ހަމަޖެހިފައިވާ 4،200 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލަކަށް ވަޑައެއްނުގަންނަވައެވެ.

ނަމަވެސް ރައީސް މީގެ ކުރިން ވަނީ، މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެގައި 950 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓް އަޅައި ކުލީގެ ގޮތުގައި ނަގާނީ 6000 ރުފިޔާ ކަމަށް ވިދާޅުވެފައެވެ. އަދި މާލެ އާއި އަތޮޅުތަކުގެ ސަރުކާރުން އަޅާ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓްތައް ދޫކުރަނީ ތިން ބަޔަކަށް ބަހައިގެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ބޭނުންވަނީ މާލެ ސަރަހައްދަށް އެކަނި ނޫން ކަމަށާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެ މައްސަލަ އެބަ އޮތް ކަމަށެވެ. އަދި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަތޮޅުތެރޭގައި މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ހދ. ނޮޅިވަރަމްފަރު، ތ.ރިމަރަފުށި އަދި ޅ.ނައިފަރުގައި ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އަތޮޅުތެރޭގައި 5،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރޭގައި ނުހެދި ހުރި ބައެއް ގޯތި ހެދުމަށް ފައިސާ ދިނުމުގެ މަޝްރޫއެއް ވެސް ހިމެނޭ ކަމަށެވެ.

  • އަތޮޅުތެރޭގައި ސަރުކާރުން ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވާ ގޮތް:
  • ލ. ފޮނަދޫގައި: 50 ޔުނިޓް
  • ގދ. މަޑަވެލީގައި: 22 ޔުނިޓް
  • ފުވައްމުލަކުގައި: 200 ޔުނިޓް
  • ހުޅުމީދޫގައި: 46 ޔުނިޓް
  • ގދ. ގައްދޫގައި: 50 ޔުނިޓް
  • ސ. ހިތަދޫގައި: 264 ޔުނިޓް
  • ގދ. ވިލިނގިލީގައި: 52 ޔުނިޓް
  • ގދ. ހޯޑެއްދޫގައި: 40 ޔުނިޓް

ކުރީގެ ސަރުކާރުން ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގާފައިވަނީ ވަރަށް ދޯހަޅި ގޮތަކަށްކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، މިދިޔަ ސަރުކާރުން ހުޅުމާލޭގައި އެޅި 6860 ހައުސިން ޔުނިޓްތަކަކީ ވަދެ ދިރިއުޅެން ދަތި ހާލަތެއްގައި ހުރި އަދި އަގުވެސް ބޮޑު ތަންތަން ކަމަށެވެ.

އަދި އެތަންތަން 7000 އަށް ވުރެ ބޮޑުނުވާނެ ހެން ދެވެނެ ގޮތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އެޗްޑީސީ އާއެކު މަޝްވަރާކޮށްފައި އޮންނާނެ ރަނގަޅު އަގުގައި، 7000 އަށް ވުރެ ބޮޑުނުވާނެ ހެން ދެވެނެ ގޮތެއް ހޯދުމަށް. އެއީ މުއްދަތު އިތުރުކޮށްގެން ނަމަވެސް," ރައީސް ވިދާޅުވިއެވެ.