ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަށްޓަކައި، މިސްކިތުގެ ފުރަތަމަ ގާ ރައީސުލްޖުންމޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަހައްޓަވައި ދެއްވައިފިއެވެ.
ކަޅުވަކަރު މިސްކިތް ހޯދައި، އަލުން އެ މިސްކިތް ރޭވުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. އެގޮތުން މިސްކިތުގެ ބައިތައް ހޯދައި، ސަލްޓަން ޕާކު ސަރަހައްދުގައި މިސްކިތް ބެހެއްޓުމަށް ރައީސް ނިންމެވީ ވަޒީރުންގެ ލަފާފުޅާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކަޅުވަކަރު މިސްކިތް އަލުން ރާވަން ފަށާފައިވަނީ ދާރުލް އާސާރުގެ އުތުރުން އޮންނަ، ކުރިން ދިރާގު ހެޑް އޮފީސް ހުރި ބިމުގައެވެ.
ރައީސް އޮފީހުން ބުނީ، ކަޅުވަކަރު މިސްކިތް އަލުން ރަވާ ބަހައްޓާނީ އިހުގެ އާސާރީ މިސްކިތެއްގެ ގޮތުގައި ފެންނާނެ ގޮތަށް، މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމާއެކު ކަމަށެވެ. އަދި މިސްކިތް ބަހައްޓާނީ ބޭނުން ފަރާތަކަށް ޒިޔާރަތް ކުރެވޭނެ ތަނެއްގެ ގޮތަށް، އެތަން ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކަޅުވަކަރު މިސްކިތް ކުރިން ބަހައްޓާފައިހުރީ ލިލީމަގު ސަލްޓަން ޕާކު ސަރަހައްދު ކަންމައްޗަކަށް ވާގޮތަށެވެ. ނަމަވެސް ސަލްޓަން ޕާކު ތަރައްގީކުރުމަށް މިދިޔަ ސަރުކާރުން 2016 ވަނަ އަހަރު އެ މިސްކިތް ރޫޅާލިއެވެ. އަދި ވަކި ތަނެއްގައި ބެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނި ނަމަވެސް ސަރުކާރު ނިމިގެންދިޔައިރު ވެސް މިސްކިތް އެހެން ތަނެއްގައި ރާވާފައެއް ނުވެއެވެ.