ޚަބަރު

ފެށޭ ދައުރުގައި އިންކަމް ޓެކުހާއި ލާމަރުކަޒީ ބިލް ހުށަހަޅައި، މިނިމަމްވޭޖްގެ ބިލް ފާސްކުރާނަން: ރައީސް

އިބްރާހިމް ޒަކީ

ފުރަތަމަ ދައުރު ނިންމައި މިހާރު ޗުއްޓީގައި އޮތް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ދައުރު ފަށާއިރު މުހިއްމު ބިލުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުރިއަށްއޮތް ދައުރުގައި މަޖިލީހަށް ފޮނުވަން ނިންމަވާފައިވާ ބިލުތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭ ކަމަށެވެ. އެ ބިލުން ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ބިލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ އިންކަމްޓެކްސް ނެގުމުގެ ގާނޫނުގެ ބިލެވެ.

ރައީސް ވިދާޅުވީ، އިންކަން ޓެކްސްގެ ގާނޫނުގެ ބިލް ޑްރާފްޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި އިންކަމްޓެކްސް ނެގުމަށް ތިން ބްރެކެޓެއް ނިންމަވާފައިވާ ކަމަށާއި އެކަމުގެ ތަފްސީލް ހާމަކުރައްވާނީ، ސްޓޭކްހޯލްޑާސް ތަކާއެކު އަދި އެއް ބައްދަވުން ބާއްވަވާފައި ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންކަންޓެކްސް ނަގަނީ މަތީ އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ކަމަށްވާތީ، އެ ބިލާ ބެހޭގޮތުން މަޓީ އާއި މަސީފަދަ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މިނިމަމްވޭޖް ކަނޑައެޅުމުގެ ބިލާބެހޭގޮތުންވެސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މާޓީ އާއި މަސީއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބިލާބެހޭގޮތުން މަސައްކަތްތެރިންގެ ޖަމްއިއްޔާއާ ވަރަށް އަވަހަށް ބައްދަލު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާއިރު، އިންކަމް ޓެކްސް ނެގުމާއި، މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.