މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ އިތުރު ފަރާތްތަކުގެ މައްޗަށް އަންނަ ހަފްތާގެ ތެރޭގައި ދައުވާ ކުރަން ފޮނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު އެހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ އުފުލައި، ޝަރީއަތް ހިންގަނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެކަނި ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ކުރާ ޝަރީއަތަކީ "ސިޔާސީ" ޝަރީއަތެއް ކަމަށް ބުނެ އިދިކޮޅުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ހިޔާނާތުގެ މައްސަލަތައް ބަލަން އެމަނިކުފާނު އުފެއްދެވި، އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް ހިއްސާ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ލިސްޓު ބަލައި އޭގެ ތަފްސީލަށް ގޮސް، ހަގީގަތް ހޯދުމުގެ މަސައްކަތް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް އިއްޔެ މައުލޫމާތު ލިބުނީ މިމަހުގެ ފަހު ހަފްތާ ތެރޭގައި އިތުރު މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކޮމެޓީން (އެސެޓް ރިކަވަރީ ކޮމިޓީން) ފޮނުވާނެ ކަމަށް" ރައީސް ސޯލިހު ވިދާޅުވިއެވެ.
ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން، އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އެމަނިކުފާނު ހުޅުއްވެވި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށް އޭގެ އަސްލު އޮޅުވައިލި މައްސަލައިގައެވެ.
އެ ހިޔާނާތުގެ މައްސަަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ޝަރީއަތް ހިންގައި، ޖަލަށްލިއެވެ. ނަމަވެސް ކޯޓުތަކުން އަދީބުގެ މައްޗަށް އިއްވި ހުރިހާ ހުކުމެއް ބާތިލުކޮށް، އަލުން މައްސަލަތައް ބެލުމަށްވަނީ އަމުރު ކޮށްފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް 60 އަށްވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދިން މީހަކު ނޭނގޭ 10 ވަރަކަށް ރަށް އުޅޭއިރު، އެއް ރަށެއް ދެ މީހަކަށް ދިނުމާއި ދެ މީހުންނަށް އެ ރަށެއް ވެސް ދީފައިވާ ކަމަށެވެ.
އަދި އެ ރަށްތަކުން ދައުލަތަށް ގެއްލުނު ކަމަށް ކުރިން އެނގެން އޮތީ 91 މިލިއަން ޑޮލަރު ކަމަށް ވިޔަސް، ރިޔާސީ ކޮމިޝަނުން މިހާތަަނަށް ބެލި ބެލުމުން އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ)އަށް އަރާ ކަމަށާއި އެ އަގަކީ ދޫކޮށްފައިވާ ފަޅުތައް ނުހިމަނައި، އަރާ އަގު ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އޮޑިޓް ރިޕޯޓްތަކުން ފެންނަން އޮތް ވަރަށްވުރެ ބޮޑަށް، އެމްއެމްޕީއާރްސީގެ ހިޔާނާތުން ދައުލަތަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭސީސީ އަދި އޮޑިޓް ރިޕޯޓްތަކުން އެނގޭ ގޮތުގައި އެ ހިޔާނާތާ ގުޅިގެން ދައުލަތަށް ގެއްލުނީ 1.4 ބިލިއަން ރުފިޔާއެވެ.