އަލީ ރިފްޝާން
ގައުމީ ފުޓުބޯޅަ ޓީމުގެ ކަންތައްތަކުގައި ލަފާ ހޯދުމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނޭގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކޮމިޓީއެއް އެކުލަވާލައިފިއެވެ.
އެފްއޭއެމް އިން މައުލޫމާތު ދިން ގޮތުގައި ޔޫތު މިނިސްޓަރު މަހުލޫފާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމެނޭގޮތަށް ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީންނެވެ.
އެފްއޭއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދު ބޭއްވި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެކުލަވާލި ގައުމީ ޓީމު ކޮމިޓީގައި މަހުލޫފާއި އަލީ ވަހީދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު މޫސާ ނާޝިދެވެ.
އެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ޖޫނިއާ އުމުރުފުރައިގެން ފެށިގެން ސީނިއާ ޓީމާ ހަމައަށް ގައުމީ ޓީމުތަކުގެ ކުރަން ޖެހޭ ހުރިހާ ކަމެއްގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމަށާއި، ގައުމީ ޓީމުތައް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
ދެ ވަޒީރުން ހިމެނޭގޮތަށް އެފްއޭއެމް އިން ކޮމިޓީއެއް އެކުލަވާފައިވާ އިރު، އެފްއޭއެމްގެ ބައެއް ނިންމުންތަކާ ގުޅިގެން މިނިސްޓަރު މަހުލޫފު ވަނީ މީގެ ކުރިން ފާޑުވިދާޅުވެފައެވެ.