އެފްއޭއެމް

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ސާންތީ އިސްތިއުފާ ދީފި

އަލީ ރިފްޝާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިހުސާން އަބްދުލްޤަނީ (ސާންތީ) އިސްތިއުފާ ދީފިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން ސާންތީ އިސްތިއުފާ ދިނުމާ ގުޅޭގޮތުން އެފްއޭއެމް އިން އަދި ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ސާންތީ އިސްތިއުފާ ދީފައިވަނީ އޭނާ މަގާމުން ވަކިކޮށްދިނުމަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަކުން އެދުމުން، މަގާމުން ވަކިކުރުމަށް އެފްއޭއެމް އިން ނޯޓިސް ފޮނުވުމުންނެވެ. ކްލަބުތަކުން އެގޮތަށް އެދިފައިވަނީ މުހިންމު ގިނަ ނިންމުންތައް ނިންމުމުގައި ސާންތީ، ގިނަ ކްލަބުތަކުގެ މަޝްވަރާ ނުހޯދާ ކަމަށް ބުނެއެވެ.

ކްލަބު އީގަލްސްގެ ކޯޗުކަމުން 2017 ވަނަ އަހަރުގެ ތެރޭގައި އިސްތިއުފާ ދިނުމަށްފަހު ސާންތީ ފުރަތަމަ ހަވާލުވީ އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރުކަމުގެ މަގާމާއެވެ. އޭރު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް ސާންތީ މަސައްކަތްކުރިއެވެ. ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ސާންތީ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރިން އެ މަގާމުގައި ހުރި ޖޭން ވަންލީ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ސާންތީ ވަނީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަގާމު ވެސް އަދާކޮށްފައެވެ.