ޝަހީދާ އަބްދުﷲ ސައީދު
އިސްލާމީ މުޖުތަމައުއެއްގައި ދިރޭތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އާންމު ފަރާތަކުން އިމްރާނަށް އެޑްރެސްކޮށް، ދިރޭތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އާ ސަރުކާރާ ގުޅިގެން ކުރެވިދާނެ ކަންކަމާ މަޝްވަރާ ކުރުމަށް އެދި ފޮނުވި ސިޓީއަކާ ގުޅިގެން އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިސްލާމީ މުޖުތަމައެއްގައި ދިރޭތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށާއި، މިއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ.
އަދި މިއީ ކުރިއަށް އޮތްތަނުގައި ދައުލަތުގެ ޒިންމާއެއް ކަމުގައި ހަދަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން އިތުރު ޓުވީޓެއްގައި އިމްރާން ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ދައުލަތުގެ ތެރޭގައި ހިންގަމުން ދިޔަ ދީނާއި ޚިލާފު ފަސާދައިގެ އަމަލުތަކާ މެދު ކެރިގެން ހައްގު ބަސް ވިދާޅުވި ހިތްވަރު ގަދަ އެއް ބޭފުޅަކީ އައްޝައިޚު އަލީ ޒައިދު ކަމަށެވެ.
އަދި އަލީ ޒައިދުގެ ޚިޔާލާއި މަޝްވަރާ ލިބިވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.