ޚަބަރު

ސަރުކާރުގެ މަޝްރޫއުތައް ލަސްވާ ވާހަކައެއް ނުދަންނަވަން: ނަޝީދު

މަރިޔަމް ޝަހުދާ

ސަރުކާރުގެ މަޝްރޫއުތައް ލަސްވާ ވާހަކައެއް ދަންނަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ލަސްކަމެއް އުޅޭހެން ހީވާ ކަމަށް ވިދާޅުވެފައެވެ.

އަދި ކުރިއަށް އޮތް މަސްތަކުގައި އެކަމަށް ހައްލެއް އައިސް، ސަރުކާރުގެ ދުވެލި ރަނގަޅުވެގެން ދިއުމަށް އުއްމީދުކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

"އެއްތަނުން އަނެއް ތަނަށް ސިޓީ ފޮނުވުމުގައި ދިމާވާ ލަސްވުމާއި ފަރުވާކުޑަކަމުން ދިމާވާ ލަސްވުމާއި ކަންކަމާ އަޅާނުލެވޭތީއާ ކަންކަން ނުބަލަހައްޓާތީއާ މިހެން ގޮސް މި ހުރިހާ ކަމެއް އެބަހުރި،" ރައްޔިތުންގެ މަޖިލިސް ހިނގާގޮތަށް ބާރު ދުވެލީގައި ސަރުކާރު ހިންގަން ފަށާނީ ކޮން ދުވަހަކުންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ދެންނެވީ ބައެއް އިދާރާ ހިންގުމުގައި ލަސްކަމެއް އުޅޭ ވާހަކަ ކަމަށެވެ.

"އަދިވެސް ތަކުރާރު ކުރަން. މަޝްރޫއުތައް ލަސްކަމަކަށް ނުދެކެން،" ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.