ޝަހީދާ އަބްދުﷲ ސައީދު
އަންނަ މަހު ކުރީކޮޅު ސަރުކާރު ކޯލިޝަނުގެ ބައްދަލުވުމެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން އަންނަ މަހު ކޯލިޝަން ބައްދަލުވުމެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ އިރު، މިއަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކޯލިޝަން ބައްދަލުވުމެއް ބާއްވައިފައެއް ނުވެއެވެ.
ރައީސް ސޯލިހު ވިދާޅުވީ އދ.ގެ މަޖިލީހުގައި ތަގުރީރު ކުރައްވަން އެމަނިކުފާނު ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް ކުރިއަށްގެންދަވާނެ ކަމަށެވެ. އެބައްދަލުވުމުގައި ލޯކަލް ކައުންސިލު އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކޯލިޝަން ދެމިނޯންނަންވީ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުން އިންތިހާބުކުރީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. އަދި ހުރިހާ ޕާޓީއަކުންވެސް ހުރިހާ ލީޑަރުންވެސް ކޯލިޝަނުގެ ނިންމުމަށް އަމަލުކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިހާތަނަށް ކޯލިޝަން ލީޑަރުންނަށް ބައްދަލު ނުކުރެވިގެން އުޅެނީ ހުރިހާ ބޭފުޅުން މާލޭގައި އެއް ވަގުތެއްގައި ނޫޅުއްވާތީއެވެ. އެހެންނަމަވެސް މިފަހަރު ކުރިއާލައި ވަގުތު ދިނުމަށްފަހު އެ ބައްދަލުވުން ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ދެ ބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެއީ އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށާއި އެކަމަކީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިއަދުވެސް އެމަނިކުފާނާއި ރައީސް ނަޝީދާ ވާހަކަފުޅު ދައްކަވައި ކަންކަމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ހުށަހަޅައި މުހިންމު މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ވަރަށް ބޮޑަށް އެއްބާރުލުން ދޭ ކަމަށާއި މަޖިލީހުގެ މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.