ޚަބަރު

ބީއެމްއެލް އާއި އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށް ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި

އާނިފާ ހުސެއިން ސިރާޖް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށްގެންދާ ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 35 މުވައްޒަފަކަށް ހިންގައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދީ، ވަޒީފާގެ މާހާއުލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ރަހުމަތްތެރި ތަންތަނުގެ ގޮތުގައި ހެދުން ކަމަށެވެ.

ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް އެސްޓީއޯގައި މިއަދު ހިންގިފައިވާ އިރު، މި ޕްރޮގްރާމްގައި 11 އަންހެން މުވައްޒަފަކާއި ނުވަ ފިރިހެން މުވައްޒަފަކާއެކު ޖުމުލަ 20 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި ބީއެމްއެލްގައި އިއްޔެ ހިންގުނު ޕްރޮގްރާމްގައި އަށް އަންހެން މުވައްޒަފަކާއި ހަތް ފިރިހެން މުވައްޒަފަކާއެކު، ޖުމުލަ 15 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގުރާމުގެ ދަށުން، އެކި ބާވަތުގެ ނުކުޅެދުންތެރިކަމާއި، ނުކުޅެދުންތެރިކަމާއެކު ވެސް އެ ފަރާތްތަކަށް ކުރެވިދާނެ މަސައްކަތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި އެ ކަންކަން ހައްލުކުރުމުގައި މެނޭޖްމަންޓަށް އަދާކުރެވިދާނެ ދައުރާ މެދު މައުލޫމާތު ދެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މި މަހުގެ ނުވަވަނަ ދުވަހު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަސް މުވައްޒަފަކަށާއި މިމަހުގެ 10ގައި މޯލްޑިވްސް ޕޯސްޓްގެ 25 މުވައްޒަފަކަށް ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގާފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެއެވެ.