ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެ މަނިކުފާނާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވުން އުފެދި މައްސަލަ ޖެހިފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާާޅުވީ، އެ ދެބޭފުޅުންގެ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ރައީސް ނަޝީދާއި އަޅުގަނޑާ ދޭތެރެއަކުނެތް އެއްވެސް މައްސަލައެއް، މިއަދުވެސް އަަޅުގަނޑުމެން ވާހަކަ ދެއްކިިން، ބައެއް ކަންތައްތަކާ، އެހެންވީމަ އެއިއްޔަކީ އެއްވެސް އިޝޫއެއްނޫން، އެއިއްޔަކީ މައްސަލައެއްނޫން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނާއި ރައީސް ނަޝީދާ މައްސަލަ ޖެހިގެންއުޅޭކަމަށް ދައްކާ ވާހަކައަކީ ގަސްތުގައި އޮޅުވާލައިގެން ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ. އަދި ރައީސް ނަޝީދާ މައްސަލަ ޖެހޭނެ ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެއީ އޮޅުވާލައިގެން ބަޔަކު ހަމަ ގަސްތުގައި ދައްކާ ވާހަކައެއް، އަޅުގަނޑާއި ރައީސް ނަޝީދަކާ މައްސަލަޖެހޭނެ ކަމެއް ނޯންނާނެ، އެއީ ޔަގީންކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
ސަރުކާރު ކޯލީޝަން ލީޑަރުންގެ މަޝްވަރާތަކާބެހޭގޮތުން ރައީސް ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅަށް ލީޑަރުންގެ ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެ ކަމަށެވެ.
އަދި ލީޑަރުންގެ ބައްދަލުވުމެއް ނުބޭއްވިގެން އުޅެނީ ހުރިހާ ލީޑަރުން އެކީގައި މާލޭގައި ތިއްބަވާ ވަގުތެއްގެ ދަތިކަމުން ކަމަށްވެސް ވިދާޅުވިއެވެ.