ޝަހީދާ އަބްދުﷲ ސައީދު
2019 އަހަރު ސުކޫލުތަކުގެ ކިޔެވުން ފެށޭއިރު، މާލޭގެ ސުކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މާލޭގެ ސުކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރުމާއި، އަދި ކުދިންގެ ޔުނިފޯމުތަކަށް ބަދަލު ގެނައުމާއި ބެހޭ ގޮތުން މީސް މީޑިއާގައި ދައްކަމުންދާ ވާހަކައާ ގުޅިގެން ''ވަންއޮންލައިން'' އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީޢު ވިދާޅުވީ މާލޭގެ ސުކޫލުތަކުގެ ޖާގައިގެ ދަތިކަން ހުރުމުން އަންނަ އަހަރު މާލޭގެ ސުކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ދެ ދަންފަޅިއަށް ބަހާލައިގެން ކިޔަވައިދެމުންދާއިރު، އަދި ވެސް ޖާގައިގެ ދަތިކަން ބައެއް ސުކޫލުތަކުގައި ވަރަށް ބޮޑު ކަމަށް ޝަފީއު ވިދާޅުވިއެވެ.
''ސުކޫލުތަކުގެ ޖާގައިގެ ދަތިކަން ހުރި ގޮތަށް ބަލާއިރު އަންނަ އަހަރު މާލޭގެ ސުކޫލުތަކުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލު ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރަން. ދެދަންފަޅިއަށް ކިޔަވައިދެމުންދާއިރު، އަދިވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑު.'' ޝަފީއު ވިދާޅުވިއެވެ.
މީގެއިތުރުން ބައެއް ސުކޫލުތަކުގެ ޔުނިފޯމު ބަދަލު ކުރުމާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި ޝަފީއު ވިދާޅުވީ ދަރިވަރުންގެ ޔުނިފޯމަށް ބަދަލެއް ގެންނަނަމަ، އުސޫލެއްގެ ގޮތުން މަދުވެގެން ހަމަސްދުވަސް ކުރިން ބެލެނިވެރިންނަށް އަންގާނެ ކަމަށެވެ. އަދި އަންނަ އަހަރު މާލޭގެ އެއްވެސް ސުކޫލެއްގައި ޔުނިފޯމު ބަދަލު ކުރަން ނިންމާފައި ނުވާ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.
މާލޭގެ ސުކޫލުތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.