އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ ރަށްރަށުން ސަރުކާރަށް ލިބެން ޖެހޭ އަދަދު ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ މަތި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ހިޔާނާތުގެ މައްސަލަތައް ބެލުމަށް އެމަނިކުފާނު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތަކާބެހޭ މައުލޫމާތު މިއަދު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްއެމްޕިއާރުސީން ހިންގާފައިވާ ހިޔާނާތުގައި، 60އަށްވުރެ ގިނަ ރަށް ނުއަގުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާކަން އެ ކޮމިޝަނުގެ ރިޕޯޓުން ހާމަވާ ކަމަށެވެ. އަދި އެ ރަށްތަކުގެ އެކުއިޒިޝަން ފީގެ ގޮތުގައި، ސަރުކާރަށް ލިބެންޖެހޭކަމަށް އޮޑިޓް ރިޕޯޓުން ދައްކަނީ 91 މިލިޔަން ޑޮލަރުކަމަަށްވިޔަސް، 220 މިލިޔަން ޑޮލަރު ސަރުކާރަށް ލިބެންޖެހޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރި ތަހުގީގުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ.
"އޮޑިޓް ރިޕޯޓުގައި ތިޔަ ބޭފުޅުންނަށް އެނގިވަޑައި ގަންނަވާނެ، ގެއްލުނުކަމަށް ނިންމާފަ އޮތީ 91 މިލިޔަން ޑޮލަރު، އެހެންނަމަވެސް މިހާތަނަށް ބެލި ބެލުމުގައި އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް މިހާރު ހަމަޖެހިފައިވާގޮތުން އަގު ކުރީމާ ގާތްގަނޑަކަށް 220 މިލިޔަން ޑޮލަރަށް އޭގެ އަގު އެބައަރާ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ އަދި އެގޮތަށް ދޫކޮށްފައިބާ ފަޅުތަށް ނުހިމަނައި އަރާ އަދަދު ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީން ރަށްތައް ދޫކޮށްފައިވަނީ، ހަމަ އަގުގައިނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ފައިނަލް ވުމާއެކު އެ ރަށްތަކުން ހަމައަގު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އޭގެ އިތުރުން މިހާރުން މިހާރަށް ވެސް އެގްރިމެންޓް ބާތިލް ކުރެވެންހުރި އެފަދަ ރަށްރަށުގެ އެގްރިމެންޓް ބާތިލް ކުރައްވަމުން ގެންދަވާނެ ކަމަށާއި މީގެ ދެދުވަސް ކުރިން އޭގެ އެއް އެގްރިމެންޓް ބާތިލް ކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެގޮތަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 12 ރަށެއް އޮޕަރޭޓް ކުރަމުންދާ ކަމަށވެ. އަދި މަސައްކަތް ކުރަމުންދާ ތިން ރަށެއްގެ 50 ޕަސެންޓް މަސައްކަތް ކޮށްފައިވާ ކަމަށާއި، 21 ޕަސެންޓާއި 49 ޕަސަނެޓާ ދެމެދުގެ އަދަދަކަށް މަސައްކަތް ކޮށްފައިވާ ތިންރަށެއްގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެހުރިހާ ރަށަކީ ހަދަމުންދާ ރަށްތަކެއް ކަމުން، އެ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅާނީ އިންވެސްޓާ ކޮންފިޑެންޓް ނުގެއްލޭގޮތަށް ވިސްނައިގެން ކަމަށެވެ.