ޚަބަރު

ކެންސަރު ހޮސްޕިޓަލެއްގެ މަސައްކަތް ވަރަށް އަވަހަށް ހުޅުމާލޭގައި ފަށާނެ: ރައީސް

އިބްރާހިމް ޒަކީ

ކެންސަރު ހޮސްޕިޓަލެއްގެ މަސައްކަތް ހުޅުމާލޭގައި ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށް ގެންދާ އެކި އެކި މަސައްކަތްތަކާއި، ސަރުކާރުގެ އެކި އެކި ސިޔާސަތުތައް ހާމަކުރެއްވުމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ސިއްހީ ދާއިރާގެ މަސައްކަތްތަކާބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އެއް އަމާޒަކީ ސިއްހީ ދާއިރާ މިހާރަށްވިރެ ރަނގަޅު ކުރެއްވުން ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، ސިއްހީ ދާއިރާއިން ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެއް އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ މިހާރަށްވުރެ ހަރުދަނާކުރުން، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުނެންގެ ފަސް އަހަރު ނިމިގެންދާއިރު ގައި ބޮޑު ބަދަލެއް ސިއްހީ ދާއިރާއިން ފެނިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އައިޖީއެމްއެޗަށް ބޮޑެތި ބަދަލުތަކެއް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ހުޅިގެންދާނެ ކަމަށެވެ.

އަދި ހުޅުމާލޭގައި ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، އުއްމީދަކީ އެ ހޮސްޕިޓަލްގެ މަސައްކަތް ގާތްގަނޑަކަށް 18 މަސްދުވަހުގެ ތެރޭގައި ނިމިގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.

"ކެންސަރު ހޮސްޕިޓަލެއްގެ މަޝްރޫއު ވަރަށް އަވަހަށް ހުޅުމާލޭގައި ފެށިގެންދާނެ، ގާތްގަނޑަކަށް 18 މަސްދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމޭނެކަމަށް އުއްމީދު ކޮށްގެން މިތިބީ،" ރައީސް ވިދާޅުވިއެވެ.