ޚަބަރު

ޓްރީ ޓޮޕްގެ މެނޭޖްމެންޓާ ހަވާލުވި މެލޭޝިއާ ކުންފުންޏާ ދެމެދު އޮތް އެއްބަސްވުން ބާތިލުކޮށްފި

ރާއްޖޭގައި ދާދި ފަހުން ހުޅުވި ޕްރައިވެޓް ހޮސްޕިޓަލް ޓްރީ ޓޮޕްގެ މެނޭޖްމެންޓް ހަވާލުކޮށްފައިވާ މެލޭޝިއާގެ ރާމްސޭ ސައިމް ޑާބީއާ އެކު ވެފައި އޮތް އެއްބަސްވުން ދެ ކުންފުނިން ބާތިލުކޮށްފި އެވެ.

ޓްރީ ޓޮޕް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޓްރީ ޓޮޕްއާ އެ ކުންފުންޏާ ދެމެދު އޮތް އެއްބަސްވުން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ.

ޓްރީ ޓޮޕް މެނޭޭޖްމެންޓާ ދެން ހަވާލުވާނީ އެ ހޮސްޕިޓަލުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މެނޭޖްމެންޓް ބަދަލުވި ނަމަވެސް ދެމުން އަންނަ ހިދުމަތަށް ބަދަލެއް ނާންނާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

"ކުރިއެކޭ ވެސް އެއްގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް އަގަށް ހެޔޮބަދަލާ އެކީގައި އާސަންދަ ލިބޭގޮތުގެ މަތިން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ދެމެވެ." ޓްރީޓޮޕްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓްރީ ޓޮޕް އަށް މާލީގޮތުން ގެއްލުންވެ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަނީ ވަކިކޮށްފައެވެ. އަދި ގެއްލުމާއެކު ހޮސްޕިޓަލް ހިންގަން ޖެހުމުން އެ ހޮސްޕިޓަލުގެ ބައެއް ޑިޕާޓްމެންޓްތައް ވަނީ އުވާލާފައެވެ. އެއާއެކު މެނޭޖްމެންޓުގެ ބައެއް މުވައްޒަފުން ވަނީ މަގާމުން އިސްތިއުފާ ވެސް ދީފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މެނޭޖްމެންޓުގެ ބައެއް ވަޒީފާތަކަށް ކުރިމަތި ލުމަށް މިއަދު ހުޅުވާލާފައެވެ.