މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ ގެ މަރުގެ މައްސަލައިގައި ދައުވާކުރަން އަންނަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވެެއްޖެ އެވެ.
ސަރުކާރުގެ އެކި އެކި މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިނަށް މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތްތަކާބެހޭގޮތުން މައުލޫމާދު ދެއްވަމުން ރައީސް ވިދާޅުވީ، ރިލްވާންގެ މައްސަލައިގެ ރިޕޯޓް އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގަ ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް އަންނަ ހަފްތާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ތޫނު އެއްޗަކުން ހަމަލާދީ 2017 ވަނަ އަހަރު މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާބެހޭ ރިޕޯޓުވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ނަމަވެެސް އެ މައްސަލައަކީ މިހާރުވެސް ޝަރިއަތުގައި ހިނގަމުންދާ މައްސަލައަކަށްވާތީ އެ ރިޕޯޓް ހާމަކުރައްވާނީ ޝަރީއަތުގައި އޮތް މައްސަލަ ނިމުމުން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޝަރީއަތުގައި މިހާރުހިނގަމުންދާ ޔާމީން ރަޝީދުގެ ޝަރީއަތް އަންނަމަހުގެ ކުރީކޮޅު ނިމޭވަރުވާނެ ކަމަށެވެ.
އެ ކޮމިޝަނުގެ އިތުރު މަސައްކަތްތަކާބެހޭގޮތުން ރައީސް ވިދާޅުވީ، ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުންދިޔަ ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލަވެސް ބަލައިނިމި ކޮމިޝަނުގެ ރިޕޯޓް ހާމަކުރަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ބަންގްލަދޭޝްގެ ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން އައި ރައުދާގެ ހަށިގަނޑު ފެނިފައި ވަނީ ކޮލެޖު ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރޭގައި ދަންޖެހިފައި ހުއްޓައެވެ. އެއީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.
ރައީސް ވިދާޅުވީ މަރު ކޮމިޝަނުން އެފަދަ އިތުރު ހަތަރު ފަރާތެއްގެ މައްސަލަ އެއްވެސް ބަލަމުންގެންދާ ކަމަށެވެ.