މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ކަމާބެހޭ އިދާރާތަކުން ވަކި ގޮތެއް އަންގަންދެން އޮމަދޫން ގޯތި ދޫކުރުން މަޑުޖައްސާލަން އަންގައިފި

ޝަހީދާ އަބްދުﷲ ސައީދު

1

ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަކި ގޮތަކަށް އަންގަންދެން އދ. އޮމަދޫ އިން ގޯތި ދޫކުރުން މަޑު ޖައްސައިލުމަށް ޕްލޭނިން މިނިސްޓްރީން އޮމަދޫ ކައުންސިލަށް އަންގައިފިއެވެ.

ޕްލޭނިން މިނިސްޓްރީން އެގޮތަށް އެންގީ އެމިނިސްޓްރީގެ ހުއްދައާއެކު އޮމަދޫ އިން 130 ގޯތި ދޫކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެކަމާ ދެކޮޅަށް އެރަށަށް ނިސްބަތްވާ ބަޔަކު ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުންނެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން އޮމަދޫ ކައުންސިލުގެ ރައީސް އަދުނާނު އަބްދުﷲ މިއަދު ވިދާޅުވީ، 130 ގޯތި ދޫކުރުމަށް ޕްލޭނިން މިނިސްޓްރީން ހުއްދަ ދިނުމާއެކު ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުން 50 ގޯތި ދޫކޮށްފައިވާކަމަށެވެ. އަދި އެގޯތި ތަކުގައިހުރު އުއްގަހަށް ބަދަލު ދިނުމާއި އިންފާރު ރޭނުމާއި ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އަދި ދެވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށް، ގޯއްޗަށް އެދުނު މީހުންގެ ތެރެއިން މަދު ބަޔަކު ކަމާބެހޭ އިދާރާތަކަށް ޝަކުވާ ހުށަހެޅުމުން ގޯތި ދޫކުރުން މަޑު ޖައްސައިލުމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާކަމަށް އަދުނާނު ވިދާޅުވިއެވެ.

ރަށުން ގޯތި ދޫކުރުން މަޑު ޖައްސައިލުމުން ހިތްހަމަ ނުޖެހުން ފާޅުކޮށް، ރައްޔިތުންގެ ތެރެއިން 200 ވަރަކަށް މީހުން ނުކުމެ އިއްޔެ ކައުންސިލު އިދާރާ ބަންދު ކުރިޔަނުދީ ހިފެހެއްޓި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލުގެ ރައީސްގެ ފޯނަށް އެވަގުތު ޕްލޭނިން މިނިސްޓްރީގެ އިސް އޮފިޝަލަކު ގުޅުއްވައި، ގޯތި ދޫކުރުން މަޑު ޖައްސާލި ސަބަބު ވިދާޅުވެ ދެއްވީ އެއްވެ ތިބި މީހުންނަށް އަޑު އިވޭނެހެން ފޯނު ސްޕީކަރަށް ލައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެއްވެ ތިބި މީހުން އެކަން ގަބޫލު ނުކުރުމުން، ހަވީރު 5:45 ހާއިރު ފުލުހުންގެ އެހީއަށް އެދުމާއެކު ފުލުހުން ގޮސް ކައުންސިލު އިދާރާ ތެރެއަަށް ވަދެ ތިބި މީހުންނަށް ނަސޭހަތް ދިނުމުން، މިއަދުވެސް އަންނާނެ ކަމަށް ބުނެ، އެއްވެ ތިބި މީހުން ކައުންސިލް އިދާރާ ދޫކޮށް ދިޔަ ކަމަށް އަދުނާނު ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ ތެރެއިން ލީޑުކުރަން ކަނޑައަޅާފައި ތިބި އަށް މީހަކު މިއަދުވެސް ކައުންސިލް އިދާރާއަށް ގޮސް ގޯތި ދޫކުރުމާ ގުޅޭގޮތުން ކަމާ ބެހޭ އިދާރާތަކުގެ ޖަވާބެއް ދިންތޯ ސުވާލު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުނާނު ވިދާޅުވީ، ހައުސިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީގެ އިތުރުން އެލްޖީއޭގެ ޓީމެއް ވަރަށް އަވަހަށް އޮމަދޫއަށް ޒިޔާރަތްކޮށް، ގޯތި ދޫކުރުމާއި ގުޅިގެން ދިމާވެފައިވާ މައްސަލަ އަދުލުވެރި ގޮތެއްގައި ބެލުމަށްފަހު ގޮތް ނިންމާނެކަން ޕްލޭނިން މިނިސްޓްރީން ލިޔުމުން އަންގާފައިވާކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ރަށަށް ވަޑައިގަންނަވާނެ ވަކި ދުވަހެއް އަންގާފައި ނުވާކަމަށް ވިދާޅުވިއެވެ.

''މިވަގުތަށް ގޯތި ދޫކުރުން ހުއްޓިފައި އޮތީ ބަޔަކު މީހުން މައްސަލަ ޖައްސައިގެން އެކަން ބަލާފައި ވަކިއެއްޗެއް އަންގަންދެން. ޕްލޭނިން މިނިސްޓްރީން އަންގާފަ އޮތީ ގޯތި ދޫކުރުމާއި ގުޅޭގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން އެމައްސަލަ އެބޭފުޅުން އެކަން އަދުލުވެރި ގޮތަކަށް ބަލާނެ ކަމަށް. އެކަން ބަލަން ޓީމެއް ރަށަށް ވަޑައިގަންނަވާނެ ކަމަށް އަންގަވާފައި އޮތީ. އާދީއްތަ ދުވަަހު ޖަވާބެއް ދޭނެ ކަމަށް. ވަކިއެއްޗެއް އަންގަންދެން ގޯތި ދޫކުރުން މަޑުޖައްސާލުމަށް.'' އަދުނާނު ވިދާޅުވިއެވެ.

އަދުނާނު ވިދާޅުވި ގޮތުގައި 1150 މީހުންގެ އާބާދީއެއް އޮންނަ އެރަށުގައި ގޯތި ދޫނުކުރާތާ 20 އަހަރު ވެއްޖެއެވެ. އޭގެ ސަބަބުން ގޯތި ބޭނުންވާ ވަރަށް ގިނަ ފަރާތްތައް އެބަތިބި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޯއްޗަށް އެދުނު މީހުންގެތެރޭގައި ރަށުން ބިން ލިބިފައި ތިބި މީހުންވެސް ހިމެނޭ ކަމަށާއި އަދި އަނބިމީހާ ނުވަތަ ފިރިމީހާ އަށް އެހެން ރަށަކުން ގޯތި ލިބިފައި ހުރި އިރު ބައެއް މީހުންނަށް މާލެއިން ފުލެޓްވެސް ލިބިފައި އެބަހުރި ކަމަށެވެ. އެމީހުންނަށް ލިބިފައިވާ މާކުސް މަދުވެފައި ވަނީ ޝަރުތު ފުރިހަމަ ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''މައްސަލަ މިޖައްސަނީ ހައެއްކަ މީހަކު. އޭގެ ތެރޭގައި އެބަތިބި ރަށުގައި އޮތް ބިމުގައި ގެސްޓްހައުސް ހިންގާ މީހުންނާ، ފިރިމީހާއަށް އެހެން ރަށެއްގައި 3000 އަކަފޫޓުގެ ގޯއްޗެއް އޮތް މީހަކާ، މާލޭގައި ފުލެޓް ލިބިފައި ހުރި މީހުންވެސް. އެމީހުން އަދިވެސް ބޭނުންވަނީ ރަށުން ބިން ހޯދަން. ރަށުން ބިން ބޭނުންވާ މީހުން ދިރިއުޅެނީ މާލޭގައި. އެކަމާ ހުރެ ކޮންމެ ފަހަރަކުވެސް ގޯތި ދޫކުރަން ފަށާފައި ކުރިއަށް ނުދެެވިގެން ހުއްޓާލަން މިޖެހެނީ. މިފަހަރު ގޯތި ދޫކުރަން ފެށީ އޭސީސީއާއި ޕްލޭނިން މިނިސްޓްރީއާއި ހައުސިން މިނިސްޓްރީއާ ވާހަކަދައްކައިގެން ކަންކަން ބެލުމަށްފަހު. އަދި ބަންޑާރަ ނައިބުގެ ލަފާވެސް ލިބިގެން. މިހާރު މީ ގޯތި ދޫކުރަން އުޅުނު ފަސް ވަނަ ފަހަރު. ހަމަ ކޮންމެ ފަހަރަކުވެސް އެއްބަޔަކު ނުކުމެ އެކަން މިހުއްޓުވަނީ.'' އަދުނާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށަށް ނިސްބަތްވާ ނުފޫޒު ގަދަ ހައެއްކަ މީހުންގެ ސަބަބުން އެތައް ރައްޔިތެއްގެ ހައްގުތައް ގެއްލި، އަހަރުތަކެއް ވެފައިވާކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟