ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އަށް ވެރިކަން ކުރުމަށް އިތުރު ފުރުސަތެއް ރައްޔިތުން ދީފިނަމަ، އެންމެ އިސްކަމެއް ދޭނީ މަސްވެރިންނަށާއި، ޒުވާނުންގެ ވަޒީފާތައް އިތުރު ކުރުމަށް ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީޕީއެމް އާއި، ޕީއެންސީގެ އިސް ބޭފުޅުން ހިމެނޭ ވަފްދަކާއެކު މ. އަތޮޅަށާއި ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މ.ދިއްގަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ މަސްވެރިންގެ ތެރެއިން ބަޔަކު ދާދި ފަހުން އެމަނިކުފާނާ ބައްދަލު ކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރި ކަމަށެވެ.
އެ ކަންބޮޑުވުންތަކުގެ ތެރޭގައި އެމަނިކުފާނުގެ ވެރިކަމުގައިވެސް ނުކުރެވި ހުރި ބައެއް ކަންކަން ހިމެނޭކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނެ ދެކަމުގެ ތެރެއިން އެއް ކަމަކީ މަސްވެރިކަން ކަމަށެވެ.
"އަޅުގަނޑު މަސްވެރިންނަށް ކަށަވަރުކަން ދިނިން، އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ މަސައްކަތާއެކީ، ﷲގެ މިންވަރުފުޅުން އެގޮތަށް ދިމާކުރައްވައިފި ކަމަށް ވަންޏާ، ދެން އަޅުގަނޑުމެންގެ ސަރުކާރެއްގައި، ޕީޕީއެމްއަށް ލިބޭ ސަރުކާރެއްގައި، އަދި ކޮންމެ ބޭފުޅަކު ޕީޕީއެމްއިން ރައީސްކަމުގައި ހުންނެވި ނަމަވެސް، އިިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެ އިސްކަން ދޭ ދެކަމުގެ ތެރެއިން އެއްކަމުގެ ގޮތުގައި މަސްވެރިކަން ހިމަނާނަން. އަނެއްކަމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން." ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ހާލަތު ބަދަލު ކުރަން މީގެ ކުރިން އެކި ވާހަކަ ދެއްކެވި ސިޔާސީ ލީޑަރުން މިއަދު ނުފެންނަ ކަމަށެވެ.
އެގޮތުން، ޓްވީޓަކުން މޮޅު ވާހަކައެއް ވިދާޅުވުން ފިޔަވައި އެއްވެސް ކަމެއް އެފަދަ ބޭފުޅުން ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން ފޮނި އުއްމީދުތަކަކާއެކު ގެނައި ސަރުކާރުން، ކޮށްދޭން ބުނި ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަަމަށްވެސް ވިދާޅުވިއެވެ.