މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޗައިނާގެ ނައިބު ރައީސް ވަންގ ގިޝާންއާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ހެނދުނު ބެއިޖިންގެ ޒިގުއަން ޕެވިލިއަން ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ނައިބު ރައީސް އާއި މިނިސްޓަރ ޝާހިދު ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަށް އައިސްފައިވާ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ޗައިނާ ސަރުކާރަށް މަރުހަބާ ދަންނަވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެ، "ވަން ޗައިނާ ޕޮލިސީ" ދިވެހި ސަރުކާރުން ހިފަހައްޓާނެކަމުގެ ޔަގީންކަންވެސް ދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.
ދިވެހިރާއްޖޭގެ ތަރައްގީގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއްކަން މިނިސްޓަރ ޝާހިދު ފާހަގަ ކުރައްވާފައިވާއިރު، ޗައިނާގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ އަކީ މުހިއްމު ގައުމެއްކަން ވަނީ ފާހަގަކުރައްވައިފައެވެ.
މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ.
މިނިސްޓަރުގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ހަލީލާއި ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ.އަލީ ނަސީރު މުހައްމަދާއި ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދުގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫގެވެ.