ޚަބަރު

ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުން ލަސްވާތީ ކަންބޮޑުވޭ: ރައީސް ނަޝީދު

ފަތޯނާ ފާއިޒު

ފުލުހުންގެ މުއައްސަސާއަށް ގެންނަންޖެހޭ އިސްލާހުތައް ލަސްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މީގެ ފަނަރަ އަހަރު ކުރިން، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހު، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ލިބުނު އަނިޔާތަކަކާ ގުޅިގެން މަރުވި މ.އޭޝިޔާ، ހަސަން އީވާން ނަސީމް(19އަހަރު) ގެ މަރުގެ މައްސަލައިގެ ހަނދާންތައް އާ ކުރައްވައި، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ނޭޝަނަލް ސެކިޔުރިޓީ ސާވިސަސް(އެންއެސްއެސް)ގެ ފުލުހުން މާފުށީ ޖަލުގައި އީވާން ނަސީމަށް އަނިޔާކޮށް، އޭނާ މަރާލާފައިވަނީ މީގެ 15 އަހަރު ކުރިން ކަމަށެވެ.

"އެމީހުން(ފުލުހުން)ވަނީ އީވާންގެ މަރާއި ގުޅިގެން، އެކަމާ ދެކޮޅަށް އަޑު އުފުލި އެހެން ގައިދީން ގަޔަށް ބަޑި ޖަހާފައި. އެ މަރުތަކާއެކު މާލޭގައި ހަމަނުޖެހުންތައް އިތުރުވެ، ޑިމޮކްރަސީގެ މޫވްމަންޓް ފެށިގެންދިޔަ. ފުލުހުންގެ މުުއައްސަސާ ރިފޯމް ކުރުން އަވަސްމިނުގައި ކުރިއަށް ނުދާތީ ކަންބޮޑުވޭ" އެމަނިކުފާނު އިނގެރޭސި ބަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ފުލުހުންގެ މުުއައްސަސާ އިސްލާހު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް، އިސްލާހު ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނައަޅައިގެން ގޮސް އެ އަންނަ ޖޯޝުގައި މި ރާއްޖޭގެ ވެރިކަން އަބަދުމެ އެމީހުންނަށް ބަދަލު ކުރަމުން ގެންދެވިދާނެ ކަމަށް ފުލުހުންގެ ބައެއް ބޭފުޅުން ދެކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓު.