ޚަބަރު

އިންތިހާބުތަކުގައި ބޭނުންކުރި ސްޓޭޝަނަރީޒް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފި

އާނިފާ ހުސެއިން ސިރާޖް

އިންތިހާބުތަކުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރި ސްޓޭޝަނަރީޒް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މި ތަކެތި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެންޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކުރީ އަހަރުތަކުގެ އިންތިހާބުތަކުގައި ބޭނުންކުރި ސްޓޭޝަނަރީޒް ނައްތާލަމުން ދިޔަ ނަމަވެސް މިފަހަރު އިލެކްޝަންސްގެ ސްޓްރެޖިކް ޕްލޭން ގައި ހިމަނާފައިވާގޮތަށް، އެތަކެތި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރުމަކީ ދައުލަތަށް ލުޔެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ދެން އަންނަ އަހަރު ތަކުގައިވެސް މިތަކެތި އެޑިއުކޭޝަންއާ ހަވާލުކުރަން ނިންމާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަނަކީ ޖެހިޖެހިގެން ބޮޑެތި އިންތިހާބުތަށް ބާއްވާ އަދި މި އިންތިހާބު ތަކުގައި ލިޔެކިއުމަށް ބޭނުންވާ ބައިވަރު ސާމާނު ބަލްކުކޮށް ގަނެ، ބޭނުންކުރާ މުއައްސަސާއެއް" ޝަަރީފު ވިދާޅުވިއެވެ.

އެހެންކަމުން އެތަކެއްޗަކީ ދެވަނަ ފަހަރަށް ވެސް ބޭނުންކުރެވޭ ތަކެތި ކަމުން ސަރުކާރަށް ހަރަދު ކުޑަކުރުމަށް އެތަކެތި މިނިސްޓްރީއާ ހަވާލުކުރީ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ މި ތަކެއްޗަކީ ސުކޫލްތަކުގެ ދަރިވަރުންނަށް ވަރަށް ބޭނުންތެރި ތަކެތި ކަމަށާއި އިސްރާފު ނުކުރުމަށް ދަރިވަރުންނަށް އުނގަންނައިދެމުން ދާއިރު، އިލެސްޝަންސް އިން ބޭނުންކުރާ ސްޓޭޝާނަރީސް ނައްތާނުލައި އެ މިނިސްޓްރީއަށް ހަދިޔާކުރުމަަކީ ރަނގަޅުކަމެއް ކަމަށެވެ.

މި ތަކެތި ހަދިޔާކުރުމުގެ އެއްބަސް ވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. އަދި އިލްކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އިލްކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފެވެ.