ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޖޮބްފެއާ އިން 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ދުވަހާގުޅުވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ގުރުއަތުނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން މިމަހުގެ 27 އިން 29 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވާ ޖޮބްފެއާ އިން 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޖޮބްފެއާގައި 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާއިރު، ޖޮބްފެއާގެ ތެރެއިން 350 އަށްވުރެ ގިނަ ވަޒީފާގެ އިންޓަވިއު ރާއްޖޭގެ ރިސޯޓުތަކުން ފަރުކޮޅުފުށީގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ރިސޯޓު ތަކުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން މި ތިން ދުވަހުގެ ތެރޭގައި އިންޓަވިއުގައި ބައިވެރިވެރިވުމަށް ފަރުކޮޅު ފުއްޓަށް ވަޑައިގަތުމަށް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.
އެގޮތުން މި އިންޓަވިއުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ދެ ނަމްބަރު ޖެޓީއިން ހިލޭ ފަރުކޮޅުފުށްޓަށް ދެވޭނެ ހުރިހާ އިންތިޒާމު މިނިސްޓަރީއިން ހަމަޖައްސާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މި އިންޓަވިއުތަކުން ހޮވޭ ފަރާތްތަކަށް ވަޒީފާ ލިބުނުތޯ، މިނިސްޓްރީން ކަށަވަރު ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ފަތުރުވެރިކަމާއި ވަޒީފާއެވެ.