ޔޫއެފާ ޗެމްޕިއަންސް ލީގު

ފަހު ވަގުތު އެތުލެޓިކޯ އިން ޔުވެންޓަސް އަތުން ޕޮއިންޓެއް ހޯދައިފި

އަލީ ރިފްޝާން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހު ވަގުތު އެތުލެޓިކޯ މެޑްރިޑުން ޔުވެންޓަސް އަތުން ޕޮއިންޓެއް ހޯދައިފިއެވެ.

އެތުލެޓިކޯ އާއި ޔުވެންޓަސް ރޭ ކުޅުނު "ގްރޫޕު ޑީ"ގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ އެތުލެޓިކޯގެ ދަނޑުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އެތުލެޓިކޯއަށެވެ. ހުނަރުތަކެއް ދައްކާލުމަށް ފަހު މެޗުގެ 11 ވަނަ މިނެޓުގައި އެތުލެޓިކޯގެ ޒުވާން ފޯވަޑް ޖޮއާއޯ ފީލިކްސް ފޮނުވާލި އެ ހަމަލާ، ޔުވެންޓަސްގެ ގޯލްކީޕަރު ވޮޖްސިއެޗް ސްޖެސްނީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ލިބިފައިނުވާ އިރު، ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓުގެ ތެރޭގައި ޔުވެންޓަސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ގޮންޒާލޯ ހިގުއައިން ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ހުއާން ކުއަޑްރާޑޯއެވެ. އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުއަޑްރާޑޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ކަނަކަށެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެލެކްސް ސެންޑްރޯ ނަގައިދިން ހުރަހަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބްލައިސް މަޓުއިޑީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެތުލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ޔުވެންޓަސް އިން ލީޑު ފުޅާކުރިތާ ފަސް މިނެޓު ތެރޭ އެތުލެޓިކޯ އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ހޯސޭ ޖިމެނޭޒް ދިން ބޯޅައަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މޮންޓެނީގްރޯ ޑިފެންޑަރު ސްޓެފަން ސަވިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުވެންޓަސްގެ ގޯލު ކުރިމަތީ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ކިއެރެން ޓްރިޕިއާ ނަގައިދިން ކޯނަރަކުން އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މެކްސިކޯ މިޑްފީލްޑަރު ހެކްޓާ ހެރޭރާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.