ގުޅީފަޅާއި މާލޭގެ ހުޅަނގު އުތުރު ބަނދަރު ސަރަޙައްދު ތަރައްގީކުރުމުގެ މާސްޓަރ ޕްލޭން ފަރުމާކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ ހަލައްކަ ފަންސާސްހާސް ޔޫއެސް ޑޮލަރަށް އެކުލަވާލާ މި ޕްލޭންގެ މަސައްކަތަށް އަށް މަސް ހޭދަވާނެކަމުގައެވެ.
މި ޕްލޭން އެކުލަވާލަނީ އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކަންތައް ގުޅީފަޅު ބަނދަރުން ކުރާގޮތަށެވެ.
"ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި ސޮއެކުރި މި އެއްބަސްވުން އެކުލަވާލާ ޕްލޭންގެ ވާސިތާއިން، އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫ އިން މާލެ ސަލާމަތް ކުރެވި، ގުދަންކުރުން ފަދަ ކަންކަން ގުޅީފަޅަށް ބަދަލުކުރެވި، ހުސް އަދި ހިތްފަސޭހަ ޖާގަ މާލޭގައި އިތުރުކުރެވޭނެ" ޕްލޭނިންގް މިނިސްްޓްރީން ބުންޏެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ އެޗްކިއު ކުންފުންޏާ ކަމަށާއި، މަސައްކަތުގެ ޑިޒައިން ނިމުންހާ އަވަހަކަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.
ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ވަނީ އެއް މިލިއަން ޑޮލަރަށް ޑެންމާކުގެ ނީރާސް ކުންފުންޏާއި ހޮލެންޑުގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާއި ދިވެހި ތިން ކުންފުންޏާ ހަވާލުކޮށްފައެވެ.