ޚަބަރު

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުގެ އަޒުމް ވަރުގަދަ: ރީކޯ މޫސަ

އާނިފާ ހުސެއިން ސިރާޖް

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުގެ އަޒުމު ވަރަށް ވަރުގަދަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި މޫސަ ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި މި ސަރުކާރުގެ އަޒުމު ވަރަށް ވަރުގަދަ ކަމަށާއި އެކަން ދޭހަވަނީ ބިދޭސީން ދައްކާހާ ބިރަކަށް ފަހަތަށް ނުޖެހޭނެކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެފައި ވުމުންނާއި، ބިދޭސިންގެ މައްސަލަ ހައްލު ނުވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވުމުން ކަމުގައެވެ.

"މި ކަމުން ދޭހަވަނީ މި މަސައްކަތުގެ ނުރައްކާ. ރައްޔިތުން ބޭނުމީ ހައްލު" މޫސަ އިތުރަށް ވިދާޅުވިއެވެ.

މިހާރު ފެންމަތިވެފައިވާ ބިދޭސީންގެ މައްސަލައަށް ރިއާޔަތް ކޮށް މޫސަ ވިދާޅުވީ މި ގައުމު މިހާ ހިސާބަށް ގެނެސް އިގްތިސާދު ފުޅާކުރީ ދިވެހިން ކަމަށާއި، ނަމަވެސް މިއަދު ބޭރުގެ ބޮޑެތި ކުންފުނިތަކުން ޕްރޮޖެކްޓް ނަގައި ބޭރުގެ ލޭބަރ ފޯރސް އެއް އައިސް މަސައްކަތް ކޮށް ހުރިހާ ފައިދާ ނަގައިގެން ބޭރަށް ގެންދާއިރު ކުދި ކުދި ދިވެހި ކުންފުނިތަކަށް ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ.

ކުދި ކުންފުނިތަކުން މަސައްކަތް ކުރަން، ރާއްޖެ ގެންނަ ގިނަ ބަނގުލަދޭޝް މިހުން ކުންފުނިތަކަށް ފިލައިގެން ބޭރުގެ މަަހުޖަނުން ރާއްޖޭގައި ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުގަ ފާޅުގަ އެބަ އުޅޭ ކަމަށާއި އޭގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުން ބާކީވާ ކަމަށް ބުނެ މޫސަ ވަނީ އެފަދަ މީހުން އެހެން އުޅެން ދޫކޮށްލަންވީތޯ ސުވާލު އުފައްދަވައިފައެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުދިންނަށް އަލުން ފަރުވާ ދޭހެން، ބަންގލަދޭޝްމީހުން ރާއްޖޭގައި ހެއްދެވިހާ ނުބައި ކަންކަން ކޮށް، ދިވެހި ވިޔަފާރިތަށް ފުނޑާލީމާ އަނބުރާ ގަވާއިދުގެ ތެރެއަށް އެމީހުން ވެއްދިގެން ނުވާނެ ކަމަށާއި ގާނޫނު ހަދާފަ އޮންނަނީ ކުށް ކުރީމަ އަދަބު ދޭން ކަން ރިއްކޯ ވަނީ ފާހަގަކުރައްވާފައެވެ.

ގަސްތުގަ ދިވެހި ކުންފުނިތަކަށް ލަނޑުދީ، މުސާރަ އަތަށް އަރާ ދުވަހު ފަޅުރަށްރަށުން ފިލައިގެން ގޮސް ބޮޑުމުސާރަ އަށް މަސައްކަތް ކުރި ބަންގާޅިން، އަލުން އެމީހުން ބޭނުން ތަނެއްގައި މަސައަކަތް ކުރަން ހުއްދަ ދިނުމަކީ ހައްލެއް ނޫން ކަމަށާއި އެމީހުންނަށް އެ ފުރުސަތު ދިން ބަޔަކަށް ވެސް އަދަބު ލިބެން ޖެހޭކަމަށް ރިއްކޯ ވަނީ ވިދާޅުވެފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނާއި ގަވާއިދަށް ފެއްތުމަށް ފަށާ މަސައްކަތާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސްކޮންފަރެންސެއްގައި، އެއް އަހަރަށް ބަނގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރާކަމަށް މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ގާނޫނީ އިމުން ބޭރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް، ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.