ޔޫއެފާ ޗެމްޕިއަންސް ލީގު

ޑި މަރިއާގެ ދެ ލަނޑާއެކު ރެއާލް އަތުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

އަލީ ރިފްޝާން

ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންހެލް ޑި މަރިއާގެ ދެ ލަނޑާއެކު ރެއާލް މެޑްރިޑް އަތުން ފަސޭހަކަމާއެކު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ރެއާލް އަތުން ޕީއެސްޖީ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑު ކާމިޔާބުކުރި އާޖެންޓީނާ ފޯވަޑް ޑި މަރިއާއަކީ ކުރިން ރެއާލަށް ކުޅުނު ކުޅުންތެރިއެކެވެ.

ރޭގެ މެޗަށް ރެއާލުން ނުކުތީ ގިނަ ގޮންޖެހުންތަކަކާއެކުއެވެ. އެގޮތުން އަނިޔާގެ ސަބަބުން ރެއާލުން މެޗަށް ނުކުންނަން ޖެހުނީ މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ އިތުރުން ސަސްޕެންޝަންގެ ސަބަބުން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވެސް އެ މެޗުގައި ބައިވެރިވެވިފައެއް ނުވެއެވެ.

ރެއާލްގެ އިތުރުން ޕީއެސްޖީގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކީލިއާން އެމްބާޕޭ އާއި އެޑިންސަން ކަވާނީ ހުރީ އަނިޔާގައެވެ. އޭގެ އިތުރުން ދާދި ފަހުން އަނިޔާއިން ސަލާމަތްވި ނޭމާއަށް ސަސްޕެންޝަންގެ ސަބަބުން ރޭގެ މެޗުގައި ބައިވެރިވެވިފައެއް ނުވެއެވެ. ނަމަވެސް ރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އިން މިސީޒަނުގައި އެޓީމާ އަލަށް ގުޅުނު ފޯވަޑް މައުރޯ އިކާޑީ އަދި ރެއާލްގެ ކުރީގެ ކީޕަރު ކޭލާ ނަވާސް ފެނިގެންދިޔައެވެ.

ރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި ޕީއެސްޖީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ހުއާން ބާނަޓް ދިން ބޯޅައަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ޑި މަރިއާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.

ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ޕީއެސްޖީން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 33 ވަނަ މިނެޓުގައެވެ. އިދްރީސާ ގުއެޔޭ ދިން ބޯޅައަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޑި މަރިއާއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ރެއާލް ގޯލުގެ ތިރީ ކަނަކަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ ޕީއެސްޖީން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ބާނަޓް ދިން ބޯޅައަކުން ޕީއެސްޖީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ޑިފެންޑަރު ތޯމަސް މުނިއާއެވެ.