ކުރިއަށްއޮތް ތަނުގައި ބިދޭސީން ރާއްޖެ ގެންނަން ބޭނުންވާ މީހުންނަށް ކޯޓާ ދޫކުރާނީ ކޯޓުގައި ރަޖިސްޓްރީވުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަން ރާވާފައިހުރި މަސައްކަތްތައް ހިއްސާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ، ބިދޭސީން ގިނަ ވުމުގެ މައްސަލައަށްވުރެ އެއްވެސް ހަމައެއް ލަމައެއް ނެތި، ބިދޭސީން ގެންނަ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
އެގޮތުން ބިދޭސީން ރާއްޖެ ގެނައުމަށް ކޯޓާ ދޫކުރުުމުގައި މިހާރު އޮންނަ އުސޫލުގައި މައްސަލަތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ވިދާޅުވީ އަވަސްމިނުގައި ވިޔަފާރިވެރިންނަށް ކޯޓާ ދޫކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން މަޖުބޫރު ކުރާނަން، ކޯޓުގައި ރަޖިސްޓްރީ ކޮށްފައި މިކޮޅަށް ހުށަހެޅީމަ ނޫނީ އަޅުގަނޑުމެން ކޯޓާ ދުލެއް ނުކުރާނަން. އެއީ އޭގައި ބައެއް މަކަރުތައް ހަދަމުންދާތީ އަދި އަޅުގަނޑުމެންނަށް ވަސީލަތްތަކެއް ނެތް އެ ހުރިހާ އެގްރީމަންޓުތަކެއް ބަލައި، އެ އަވަސްމިނުގައި އެކަން ކޮށްދޭކަށް" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޯޓާ ދޫކުރުމުގައި ކޯޓުގައި ރަޖިސްޓްރީވާން ޖެހޭގޮތަށް ހަދަނީ ގަވައިދާ ހިލާފަށް އަންނަ ބިދޭސީން ހުއްޓުވުމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ބިދޭސީން ގެންނަން ނަގާ ކޯޓާގެ ފީއެއްގެ ގޮތުގައި ކޮންމެ އަހަރަކު 2،000 ރުފިޔާ އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 350 ރުފިޔާ ދައުލަތަށް ދައްކަން ޖެހޭނެ އެވެ. މިހާރު ވޯކް ޕާމިޓް ފީގެ ގޮތުގައި ނަގަނީ 250 ރުފިޔާއެވެ.