ރ. ފައިނުގައި ހަދާ އެއާޕޯޓު މަޝްރޫއުގެ ސަބަބުން އެ ރަށުގެ ވެއްޔާއި ފެންފަށަލަ އަދި ފިނިހޫނުމިނަށް ބަދަލުތަކެއް އަންނާނެ ކަމަށް އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އިން ބުނެފިއެވެ.
ފައިނު އެއާޕޯޓްގެ އީއައިއޭ ހަދަނީ ވޯޓަ ސޮލިއުޝަންސް އިންނެވެ. އެ ކުންފުނީން ތައްޔާރުކުރި އީއައިއޭ ރިޕޯޓްގައި ބުނާގޮތުން ފައިނުގައި އެއާޕޯޓް ހެދުމަށް ރަށުގެ ގަސްހެދިފައިވާ ސަރަހައްދުގެ 38 ޕަސެންޓް ނަގަން ޖެހޭނެ އެވެ. އެއީ 5،792 ގަހެވެ.
އެ ގަސްތައް ނެގުމުގެ ސަބަބުން އެރަށުގެ ގަސް ކަނޑާ ހިސާބުގެ ވެއްޔާއި ފެންފަށަލަ އަދި ރަށުގެ ފިނިހޫނު މިނަށް ބަދަލުތައް އަންނާނެ ކަމަށް ރިޕޯޓްގައި ވެއެވެ.
ރިޕޯޓްގައި ބުނެފައިވަނީ އެއާޕޯޓް ހެދުމަށް ރަށުގެ ފަޅު ހިއްކުމަށް ވެސް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ސަބަބުން މޫދާއި ފަރުތަކަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަަމަށް އީއައިއޭގައި ވަނީ ބުނެފައެވެ.
އޭގެއިތުރުން އެރަށަށް އާ އުޅަނދުތައް ގެންދިޔުމުގެ ސަބަބުން ބައެއް ކަހަލަ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށްވެސް އީއައޭ އިން ވަނީ ބުނެފައެވެ.
އެއާޕޯޓެއްގެ މަޝްރޫއާ ގުޅިގެން ރަށަށް ލިބިގެންދާނެ ފައިދާތަކަށް ވެސް އެ ރިޕޯޓްގައި ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ވަޒީފާގެ ފުރުސަތާއި ފަތުރުވެރިކަން ފުޅާވުމަށް ފުރުސަތު ލިބިގެން ދިޔުން ފާހަގަކޮށްފައި ވެއެވެ.
ފައިނުގެ އެއާޕޯޓްގައި 1320 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް އަޅާނެއެވެ. އެ އެއާޕޯޓް ހެދުމަށް ރަށުގެ ބިމުން 20.8 ހެކްޓަރު ބިން ބޭނުންވާއިރު ފަޅުން 8.3 ހެކްޓަރު ބިން ހިއްކާނެ އެވެ.