ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅަނު ބަންގްލަދޭޝް މީހަކު އަތުލައިގަނެ، ފުލުހުންނާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ، މަސްތުވާތަކެއްޗާއެކު އަތުލައިގެންފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން، ބަލައި ފާސް ކުރި އިރު، މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖްގެ ތެރެއިން ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނީ އެމީހާގެ އަތުން އަތުލައިގެން މަސްތުވާތަކެތި ޓެސްޓްކުރުމުން، ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މިއަހަރުގެ މިހާތަނަށް 28 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.