ޚަބަރު

އިތުރު ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި

ފަތޯނާ ފާއިޒު

އިތުރު ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ސުލޫކީ މައްސަލަ ބަލަން ނިންމީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބާއި ސިވިލް ކޯޓުގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހީމް އާއި ސިވިލް ކޯޓްގެ ފަނޑިޔާރު ހުސައިން ފާއިޒް ރަޝާދު އަދި ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފުގެ ދެ މައްސަލައެއް ކަމަށެވެ.

ފަނޑިޔާރު ނަޖީބުގެ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅީ، މިއަހަރުގެ ޖޫން މަހުގައެވެ. އެނގިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައަކީ 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ގއ. އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި އަލީ ޝަމީމަށް ތާއީދު ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާ ތުހުމަތު ކުރެވޭ މައްސަލައެކެވެ.

ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް މިދިޔަ ޖޫން މަހުގައި ޖޭއެސްސީން ބުނެފައިވެއެވެ. އެ މައްސަލައަކީ ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.