އަންނަ ހުކުރު ދުވަހު ބާއްވާ ދިރާގު ރޯޑް ރޭހުގައި ބައިވެރިވާން ނިންމައި، ރާއްޖޭގެ ކާމިޔާބު ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން، ދެ ކެޓަގަރީގެ ގައުމީ ރެކޯޑު އާކުރަން އަމާޒު ހިފައިފިއެވެ.
ދިރާގު ރޯޑު ރޭހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމުގެ ގޮތުން މިއަދު ދިރާގުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަސް ކިލޯމީޓަރު ދުވުމާއި ދިހަ ކިލޯމީޓަރު ދުވުމުގެ ރެކޯޑު އޮންނަ ފަޒީލް ބުނީ އަމާޒަކީ ރެކޯޑު އާކުރުން ކަމަށެވެ. ފަޒީލް ބުނިގޮތުގައި އޭނާ މަސައްކަތްކުރާނީ ދެ ކެޓަގަރީން ވެސް އެއްވަނަ ހޯދުމަށެވެ.
ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަޒީލް މުގުރާލާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު "5 ކިލޯމީޓަރު ނޭޝަނަލް ޑި ލަކްރަޒާ"ގައި ވާދަކޮށް، 15:50 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ. އަދި ދިހަ ކިލޯމީޓަރުގެ ގައުމީ ރެކޯޑު ފަޒީލް މުގުރާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު "ސެމީ މެރަތަން އެންޑް 10 ކިލޯމީޓަރު އިންޓަނޭޝަނަލް ޑި މެކްނެސް"ގައި ވާދަކޮށް، 31:48 މިނެޓުން ދުވުން ފުރިހަމަކޮށްގެންނެވެ.
މި ބައްދަލުވުމުގައި ހާފް މެރަތަން އާއި މެރަތަންގެ ރެކޯޑު އޮންނަ ޝިފާޒް މުހައްމަދު ބުނީ ދިރާގު ރޯޑް ރޭހަކީ ދުވުމުގެ ދާއިރާގައި ކުރިއަށްދިއުމަށް ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ.
މީގެ ކުރިން ރާއްޖޭގައި ދުވުންތެރިން ވަރަށް މަދު ކަމަށާއި އެކަމަކު ދިރާގު ރޯޑްރޭސް ތައާރަފުވުމުން އެތުލީޓުން ގިނަވެފައިވާކަން ޝިފާޒް ފާހަގަކުރިއެވެ. އޭނާ ބުނީ ދުވުމުގެ ކުރިން ތަމްރީނު ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"ބައިވެރިންނަށް ބުނެލަން ބޭނުންވަނީ ކޮންމެ ގޮތެއްވިޔަސް އާންމުންވެސް އަދި އަޅުގަނޑުމެން ކަހަލަ ގިނަ ޓްރޭނިންތައް ހަދާފައި ތިބި މީހުން ކަމުގައިވިޔަސް މިކަހަލަ ރޭސްތަކަށް އަދި އެހެން ރޭސްތަކަށް ވިޔަސް ޓްރެއިން ހަދައްޗޭ. ރަނގަޅަށް ތައްޔާރުވާން ޖެހޭ. ހަމަ ކުއްލިއަކަށް އަރައި ދުއްވައި ނުގަންނައްޗޭ." ޝިފާޒު ބުންޏެވެ.
މިއަހަރު ބާއްވާ ރޭހުގައި ޖާގަދީފައިވަނީ 4000 ދުވުންތެރިންނަށެވެ. މި ފަހަރުގެ ރޯޑް ރޭހުގައި ވެސް ދުވުންތެރިންނަށް ފަސް ކިލޯމީޓަރާއި ދިހަ ކިލޯމީޓަރުގައި ދުވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މިއަހަރުގެ ރޭހުގައި ދިހަ ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައެވެ. އަދި ފަސް ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ. މިއީ 2007 ވަނަ އަހަރު ތައާރަފު ކުރި ދިރާގު ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ 13 ވަނަ އަހަރެވެ.