ފިރިމީހާގެ ފަރާތުން ލިބުނު ކަމަށް ތުހުމަތު ކުރެވޭ ޖިންސީ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ގދ. ތިނަދޫ ޓޭންކު، ޒިޔާދާ ނައީމް (37އ) އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޒިޔާދާގެ މައްސަލަ އިސްތިއުނާފު ކުރިފަހުން މަސްތަކެއް ފާއިތުވެގެންދިޔައިރު ވެސް ޕީޖީގެ ފަރާތުން އެ މައްސަލާގައި ކުރިއަށް ވަޑައިގެން ނުގަންނަވާތީ ކަންބޮޑުވުން ފާޅުކުރައްވާ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރުއީ ނިޒާމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް ދިމާވުމަކީ ޒިޔާދާގެ އާއިލާ އަށާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް ލިބޭ ހިތްދަތި ކަމެއް ކަމަށެވެ.
އަދި އެ މައްސަލާގައި ކުރިއެރުމެއް ނުލިބޭހާ ހިނދަކު ގެވެށިއަނިޔާ ތަހައްމަލު ކުރަމުން އަންނަ އަންހެނުންނަށް ރައްކާތެރިކަން އިހުސާސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ޒިޔާދާ މަރުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި 28 ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައިވާ ގޮތުން، އޭނާގެ ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަނިޔާ ހުރީ އަނިޔާ ލިބިފައެވެ.
އެގޮތުން، އޭނާގެ ދެއަތުގެ މުލައްދަނޑިއަށް އަނިޔާ ލިބިފައި ހުރިކަމުގެ ނިޝާންތަކަކާއި ބޮލުގެ އަރިމަތިން ފަަހަތަށްވާ ގޮތަށް ވެސް އަނިޔާގެ ނިޝާނެއް ހުރިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ އެތެރެހަށީގެ އެކި ގުނަވަންތަކަށް ލޭ އެޅިފައިވާ ކަމަށާއި އޭނާ ނިޔާވެފައިވަނީ ސިކުނޑީގެ ތެރެއަށް ލޭ އެޅިގެން ކަމަށް ބެލެވޭ ކަަމަށް ވެސް ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފައިވެއެވެ.
އޭނާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭނާގެ ފިރިމީހާ އިބްރާހީމް ޝާހުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިއުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ. ނަމަވެސް މިދިޔަ މާޗު މަހު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ.
އެ ހުކުމާ ގުޅިގެން މިދިޔަ އޭޕްރިލް މަހު ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލާގައި ޝާހުގެ މައްޗަށް ކުށް ކުރިކަމަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް އޭނާ މިނިވަންކުރީ، ހުށަހެޅި ހެކިތަކަށް ރަނގަޅަށް ރިއާޔާތް ކުރުމެއް ނެތި ކަމަށެވެ.
ޒިޔާދާ މަރުވިއިރު އޭނާގެ ތިން ދަރިން ތިބެއެވެ. އޭނާއަށް ލިބެމުންދިޔަ އަނިޔާތަކަށް ޝައްކު ކުރެވިގެން އެކަން ފުލުހުންނަށް އެންގީ ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ.