ޚަބަރު

ޖިނާއީ ތަހުގީގެއްނުކޮށް ބިދޭސީ މީހާ ޑީޕޯޓް ކޮށްލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް: އާދަމް ޝަރީފު

ޝަހީދާ އަބްދުﷲ ސައީދު

މަނީލޯންޑާގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގައި އޭނާ ރާއްޖެއިން ޑީޕޯޓް ކޮށްލުމަކީ ސަރުކާރުން ހިންގި ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ އެގޮތަށް ވިދާޅުވީ، ރާއްޖޭގައި މަނީލޯންޑާ ކުރުމާއި އެނޫން ވެސް ކުށްތަކެއް ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އަބޫ ހަނީފު ކިޔާ މީހަކު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެއިން ޑީޕޯޓްކޮށްލުމާ ގުޅިގެންނެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވި އާދަމް ޝަރީފު ވިދާޅުވީ، ފަހަކަށް އައިސް ބިދޭސީންގެ ބަޔަކު ރާއްޖޭގައި ވަރަށް ތަނަވަސްކޮށް ދިރިއުޅޭ ވާހަކަ އާއި އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މަނީލޯންޑާ ކުރުމާއި ހިއުމަން ޓްރެފިކިންގެ ތުހުމަތުކުރިއިރު އެއިން އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގައި ޑީޕޯޓް ކޮށްލުމަކީ ސަރުކާރުން ކުރި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

''މަނީލޯންޑާ ކުރުމާއި ހިއުމަން ޓްރެފިކިންގެ ތުހުމަތުކުރެވޭ މީހުންގެ މައްޗަށް އެއްވެސް ތަހުގީގެއް ނެތި ޑީޕޯޓް ކޮށްލުމަކީ ނުވަތަ ރާއްޖެ ނާދެވޭނެ ގޮތަށް ހެދުމަކީ އެއީ އޭގެ ފޮރުވިފައި ހުންނަ ބޮޑެތި މައްސަލަތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމެއް. ހަމަ ވަރަށް ގިނަ ފަހަރު އޭގެ އިނގިލި މިހާރުގެ ސަރުކާރުގައި ތިބި ބަޔަކަށް، ނުވަތަ ކޮންމެ ވެސް ބަޔަކަށް، ކޮންމެ ވެސް ވިޔަފާރިވެރި ބަޔަކަށް ވެސް ދިއްކުރުމުގެ ފުރުސަތު އޮތް ކަމެއް. އެހެންކަމަށްވާއިރު ޖިނާއީ ތަހުގީގު ކުރުމެއްނެތި ހަމަ ކުއްލި އަކަށް ޑީޕޯޓް ކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،'' އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓާއި އަދި އެފަދަ ކޮންމެ ކަމެއް ނިމޭއިރު ފެނިގެންދަނީ ސަރުކާރު ފާލުން ނެއްޓިފައިވާ މިންވަރު ކަމަށެވެ. އަދި މި ސަރުކާރުން ކޮންމެ ކަމެއްވެސް ކުރަނީ އެކަމެއް ކުރަން އޮންނަ ގޮތަށް ނޫން ކަމަށާއި އޭގެ ސަބަބުން ގައުމަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މަނީލޯންޑާ ކުރުމާއި ހިއުމަން ޓްރެފިކިންގެ ތުހުމަތު ކުރެވޭ ދެ ބިދޭސީއަކަށް ތަހުގީގެއް ނުކޮށް ޑީޕޯޓްކޮށްލި މައްސަލައަށް އިދިކޮޅު ކޯލިޝަނުން ފާޑުކީއިރު، ދެ ބިދޭސީން ޑީޕޯޓް ކޮށްލީ އިކޮނޮމިކް މިނިސްޓްރީ އަށް ވެސް ނޭނގި ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއީލު މިއަދު ވަނީ ވިދާޅުވެފައެވެ.

އަދި މިނިސްޓްރީއަށް އެނގިގެން އެކަން ކުރިނަމަ މައްސަލައާ ގުޅުން ހުރި ނުވަތަ ގުޅިފައިވާ ފަރާތްތައް ހޯދުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.