ޚަބަރު

ރައީސް މާދަމާ މީޑިއާ އާ ބައްދަލު ކުރައްވަނީ

އިބްރާހިމް ޒަކީ

1

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ މީޑީއާ އާ ބައްދަލު ކުރައްވަން ހަމަޖެހިއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ ސަރުކާރުގެ އެކި ކަންތައްތަކާބެހޭގޮތުން މައުލޫމާތު ހާމަ ކުރެއްވުމަށް، ރައީސުލް ޖުމްހޫރިއްޔާ މާދަމާ މީޑިއާ އާ ބައްދަލު ކުރައްވައި ބާއްވާ ނިއުސްކޮންފަރެންސް އޮންނާނީ 2:00 ގައި ރައީސް އޮފީހުގައި ކަމަށެވެ.

ރައީސް މިފަހަރު މީޑިއާ އާ ބައްދަލު ކުރައްވާއިރު، އެންމެ ބޮޑެތި ސުވާލުތަކެއް އުފެދިފައި ވަނީ ރާއްޖޭގައި ގަވާއިދާހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، ޓެރަރިޒަމްގެ ގާނޫނަށް އިއްލާހު ގެނައުމުގެ ބިލާބެހޭ ގޮތުންނެވެ. މީގެ އިތުރުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައާބެހޭ އިތުރު މައުލޫމާތު ހޯދުމަށްވެސް ރައްޔިތުން ވަނީ ޝައުގުވެރިވެފައެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ނިިންމަވައިފައެވެ.

އެހެންކަމުން ބިދޭސީންގެ މައްސަލައާގުޅޭ ސުވާލު ތަކާއި މަޖިލީހުގައި ހިމެނޭ ބިލާބެހޭ ސުވާލުތަކުގެ އިތުރުން ރިލްވާންގެ މައްސަލައާ ގުޅޭ ބައެއް ސުވާލުތަކާއި ސަރުކާރުގެ އެހެން ބައެއް ސިޔާސަތު ތަކާއި ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން ނޫސްވެރިން އެމަނިކުފާނަށް ސުވާލު ކުރިމަތި ކުރާނެ ކަމަށް ބެލެވެއެވެ.

ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން "ވަން އޮންލައިން" އަށް ވިދާޅުވީ މާދަމާގެ ނިއުސް ކޮންފަރެންސްގައި ކޮންމެ މައުލޫއަކަށްވެސް ރައީސްއާ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރައީސް އެންމެފަހުން މީޑިއާ އާ ބައްދަލު ކުރެއްވީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެދުވަހު އެމަނިކުފާނުގެ ޕްރެސް ޓާގެޓް ކުރެއްވީ ރިލްވާންގެ މަރުގެ މައްސަލައާބެހޭގޮތުން މައުލޫމާތު އޮޅުން ފިލުއްވައި ދެއްވުމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟