ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ފްލެޓް ގަތް ފަރާތްތަކަށް ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަދަލު ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ އިއުތިރާޒެއް ނެތް ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މި ނިންމުން ނިންމައި، އެޗްޑީސީއަށް އަންގާފައިވަނީ އެ ކޯޕަރޭޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނާ ދެމެދު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ސީލައިފުން ފްލެޓް ގަތް ފަރާތްތަކަށް އެޗްޑީސީން ބަދަލު ދިނުމަށް ކޮމިޝަންގެ އިއުތިރާޒެއް ނެތް ކަމަށް އެ ކޮމިޝަނުން ނިންމައި، އަންގާފައިވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށް ސުހައިލް ވިދާޅުވިއެވެ. މީގެ އިތުރުން ސުހައިލް ވިދާޅުވީ މިގޮތަށް ކޮމިޝަނުން ނިންމާފައިވަނީ ޝަރުތުތަކަކާއެކު ކަމަށެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ސުހައިލް ވިދާޅެއް ނުވެއެވެ.
2014 ވަނަ އަހަރު ސީލައިފްއާ ހަވާލުކުރެވުނު ހައުސިން މަޝްރޫއުގެ ހައުސިން ޔުނިޓުތައް ހެދުމަށް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ކުންފުނިން ވަނީ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓަލައިފައެވެ. އަދި ފައިސާ ނެގި ފަރާތްތަކަށް ބަދަލު ދީފައެއް ވެސް ނުވެއެވެ.
ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އެޅުމުގެ މަޝްރޫއެއް 2014 ވަނަ އަހަރު ތެރޭ ހަވާލު ކުރެވުނު އިރު، މި ހައުސިން ޔުނިޓުތައް ގަތުމަށް 200 އަށް ވުރެ ގިނަ ފަރާތްތަކަކުން ވަނީ ބުކިން ފީ އަދި ޑައުންޕޭމަންޓް ވެސް ދައްކައިފައެވެ. މަޝްރޫއު ހުއްޓުމުން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ވަނީ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ނިންމާލާފައިވަނީ އެޗްޑީސީން އެ ފަރާތްތަކަށް ބަދަލު ދޭގޮތަށެވެ.
މި މައްސަލައިގައި އެޗްޑީސީން އިއްޔެ އާންމު ކުރި ބަޔާނެއްގައި ވަނީ ސީލައިފުން ހުޅުމާލޭގައި ތަރައްގީކުރުމަށް ފެށި ހައުސިން ޔުނިޓުތައް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުގެ މައްސަލަ ސިވިލް ކޯޓުން ބެލުމަށްފަހު އެ ފަރާތްތަކަށް ބަދަލު ހަމަޖެއްސުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން ކޯޓަށް ނުދާ ފަރާތްތަކުން ތިން ލިޔުމެއް އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އެގޮތުން ސީލައިފުން ފްލެޓު ގަތުމަށް ވެފައިވާ އެއްބަސްވުން، ސީލައިފަށް ފްލެޓް ގަތުމަށް ފައިސާ ދެއްކި ރަސީދު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް އެޗްޑީސީއަށް ސިޓީއަކާއެކު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން އެދެއެވެ. އެޗްޑީސީން ވަނީ މި ލިޔުންތައް މިމަހުގެ 26 ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެދިފައެވެ.
ސީލައިފަށް ހުޅުމާލޭގައި 3000 ފްލެޓް އެޅުމުގެ މަޝްރޫއެއް ހަވާލުކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އަދި އޭރު ގިނަ ބަޔަކު އެ ފްލެޓް ގަތުމަށް ސީލައިފަށް ވަނީ ފައިސާ ދައްކާފައެވެ. ނަމަވެސް އެޗްޑީސީ އާއެކު ސީލައިފުން ވި އެއްބަސް ވުމުގައި މަސައްކަތުގެ %20 ނުނިމެނީސް އެޑްވާންސް ފައިސާ ނުނެގޭނެ ކަމަށް ވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. ނަމަވެސް ސީލައިފުން އެއްވެސް މަސައްކަތެއް ނުކޮށް 200 މީހުންނަށް ވުރެ ގިނަ މީހުން އަތުން ބުކިން ފީ އަދި ބައެއް މީހުންގެ އަތުން ޑައުން ޕޭމަންޓް ފީ ނަގާފައިވެއެވެ.