އަލީ ރިފްޝާން
އަނިޔާއަށްފަހު ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެނބުރި އައި ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑޯޓްމަންޑް އަތުން މޮޅެއް ނުހޯދުނެވެ.
"ގްރޫޕު އެފް"ގައި ރޭ ޑޯޓްމަންޓާއި ބާސާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެ މެޗު ކުޅުނީ ޑޯޓްމަންޑު ދަނޑުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ޑޯޓްމަންޑުންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ މާކޯ ރޮއިސްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ބާސާގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އޭނާ ފޮނުވާލި ހަމަލާ ކީޕަރު އަންދްރޭ ޓާ ސްޓެގަން ވަނީ މަތަކޮށްފައެވެ.
އޭގެ އިތުރުން މެޗުގެ 39 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯއަށް ލިބުނު ފުރުސަތު ވެސް ފާހަގަކޮށްލެވެއެވެ. ކައުންޓާ އެޓޭކެއްގެ ތެރެއިން ސަންޗޯއަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބާސާ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓު ފަހުން ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑޯޓްމަންޑްގެ ޑިފެންޑަރު އަޝްރަފް ހަކީމީ ކައިރިން ނައްޓާލުމަށްފަހު ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ، ކީޕަރު ރޯމަން ބުރްކީ ވަނީ މަތަކޮށްފައެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޑޯޓްމަންޑަށް ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޑޯޓްމަންޑަށް އެ ޕެނަލްޓީ ލިބުނީ ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަންޗޯއަށް ނެލްސަން ސެމޭޑޯ ކުރި ފައުލަކާ ގުޅިގެންނެވެ. ރޮއިސް ފޮނުވާލި އެ ޕެނަލްޓީ ބާސާގެ ކީޕަރު ސްޓެގަން ވަނީ މަތަކޮށްފައެވެ.
މެޗުގައި ލިއޮނެލް މެސީ ފެނިގެންދިޔައި 60 ވަނަ މިނެޓުގައެވެ. އޭނާ ކުޅެން ނުކުތީ އުމުރުން 16 އަހަރުގެ ފޯވަޑް އަންސުމަން ފަޓީގެ ބަދަލުގައެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މެސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސުއަރޭޒް ނަގައިދިން ހުރަހަކުން މެސީ ފޮނުވާލި އެ ހަމަލާ، ޑޯޓްމަންޑުގެ ޑެންމާކް ޑިފެންޑަރު ތޯމަސް ޑެލެނީ ވަނީ ބްލޮކް ކޮށްފައެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ ވަރުގަދަ މެޗުތަކަށް ބަލައިލާ އިރު، "ގްރޫޕު އޭ"ގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނާނެއެވެ. އަދި "ގްރޫޕު ޑީ"ގައި ޔުވެންޓަސް އިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗުތައް ފެށިގެންދާނީ ރާއްޖޭ ގަޑިން މިރޭ 12:00ގައެވެ.