ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޗެލްސީ ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ރޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު "ގްރޫޕު އީ"ގެ މެޗުން ލިވަޕޫލް ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ، ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ޓީމެއް ބަލިވެފައި މިވަނީ 24 އަހަރަށްފަހުއެވެ. މީގެ ކުރިން 1995ގައި ޗެމްޕިއަނުންގެ ގޮތުގައި ނުކުމެ، އޭސީ މިލާން ވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ނަޕޯލީގެ ފަބިއަން ރުއިޒްއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާ ފޮނުވާލި އެ ދެ ހަމަލާ ވެސް ލިވަޕޫލްގެ ކީޕަރު އެޑްރިއަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ސާޑިއޯ މާނޭއަށް ލިބުނު ފުރުސަތަކާއި ރޮބާޓޯ ފާމީނޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން މާނޭ ފޮނުވާލި ހަމަލާ ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް މަތަކުރި އިރު، ފާމީނޯ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ފަހުން ނަޕޯލީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑްރައިސް މާޓެންސް ފޮނުވާލި އެ ހަމަލާ، ލިވަޕޫލުގެ ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފައެވެ.
ނަޕޯލީން ލީޑު ހޯދުމުގެ ކުރިން ލިވަޕޫލުގެ ސާޑިއޯ މާނޭއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މާނޭ ފޮނުވާލި ފުރަތަމަ ހަމަލާ ނަޕޯލީގެ ކީޕަރު މެރެޓް މަތަކުރި އިރު، އޭނާގެ ދެވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ނަޕޯލީން ވަނީ މެޗުގެ 82 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލީޑު ހޯދައިފައެވެ. ނަޕޯލީއަށް އެ ޕަނަލްޓީ ލިބުނީ ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ހޯސޭ ކަލެހޮންއަށް އެންޑްރޫ ރޮބާޓްސަން ކުރި ފައުލަކާ ގުޅިގެންނެވެ. ނަޕޯލީއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މާޓެންސްއެވެ.
އެ ލަނޑަށްފަހު ލިވަޕޫލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނަޕޯލީން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްފައެވެ. ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްއަށް ހެދުނު ގޯހަކުން ނަޕޯލީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފެނާންޑޯ ލޮރެންޓޭއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު "ގްރޫޕު އެޗް"ގެ މެޗުގައި ޗެލްސީ ވަނީ ވެލެންސިއާ އަތުން 1-0ގެ ނަތީޖާއަކުން ބަލިވެފައެވެ. އެ މެޗުގައި ވެލެންސިއާ އިން ޖެހި ލަނޑު ފެނިގެންދިޔައީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ޑެނީ ޕަރޭޖޯ ދިން ބޯޅައަކުން ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ.
އެ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ނަތީޖާ ހަމަހަމަކޮށްލުމަށް ޗެލްސީއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ޗެލްސީއަށް އެ ޕެނަލްޓީ ލިބުނީ ފިކާޔޯ ޓޮމޯރީ ފޮނުވާލި ބޯޅައެއް ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑެނިއަލް ވޯސްގެ އަތުގައި ޖެހުމުންނެވެ. ޗެލްސީގެ ރޮސް ބާކްލީ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ ވަރުގަދަ މެޗުތަކަށް ބަލައިލާ އިރު، "ގްރޫޕު އޭ"ގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނާނެއެވެ. އަދި "ގްރޫޕު ޑީ"ގައި ޔުވެންޓަސް އިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗުތައް ފެށިގެންދާނީ ރާއްޖޭ ގަޑިން މިރޭ 12:00ގައެވެ.