ޚަބަރު

ކުޅުދުއްފުށީ ސްކޫލެއްގައި ހިންދޫ ދީނުގެ ފެސްޓިވަލެއް ބޭއްވި ކަަމަށް ބުނާ މައްސަލަ ބަލަނީ

ފަތޯނާ ފާއިޒު

ހދ. ކުޅުދުއްފުށީގައި ހުންނަ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ހިންދޫ ދީނުގެ މީހުން ފާހަގަ ކުރާ މުނާސަބަތެއް ފާހަގަކުރި ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އަމީރު އަމީން ސްކޫލްގައި މިދިޔަ ހުކުރު ދުވަހު، ހިންދޫ ފެސްޓިވަލެއް ފާހަގަކުރި ކަމުގެ ވާހަކަތައް މީޑިއާގެ ސަމާލު ކަމަށް ގެންނެވީ ރައީސް ޔާމީން ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދަމެވެ.

އޭނާ ވިދާޅުވެފައިވަނީ، އަމީރު އަމީން ސްކޫލުގެ ތެރޭގައި އިންޑިޔާގެ ހިންދޫ ދީނު އިހްތިފާލެއް ވަރަށް ކުލަގަދަކޮށް ފާހަގަކުރި ކަމަށާއި އެމީހުން ބޭއްވި އިހްތިފާލަކީ ހިންދޫއިންގެ ދީނީ ފެސްޓިވަލެއްކަން ހަގީގަތް ބަލައިފިނަމަ، އެނގޭނެ ކަމަށެވެ.

އެ ހަރަކާތުގެ ގިނަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. ނަމަވެސް އެކަމާ ގުޅޭ ފޮޓޯތައް ހިއްސާ ކުރި ޓީޗަރުން ފަހުން ވަނީ އެ ފޮޓޯތައް ޑިލީޓް ކޮށްލައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަމީރު އަމީން ސްކޫލްގައި މިދިޔަ ހުކުރު ދުވަހު، ހިންދޫ ފެސްޓިވަލެއް ފާހަގަކުރީ އެ ސްކޫލްގައި ކިޔަވައިދޭ އިންޑިއާގެ ޓީޗަރުންތަކެކެވެ. އެކަން އެ ޓީޗަރުން ކުރީ "އެއްވެލުމެއް" ބޭއްވުމުގެ ގޮތުން ކަމަށާއި އެކަމުގައި ހިންދޫ ދީނުގެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް އެ ޓީޗަރުން ޔަގީންކަން ދިން ކަަމަށް އަމީރު އަމީން ސްކޫލަށް ހުއްދަ ހޯދުމަށް އެދި އެ ޓީޗަރުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އަދި އެފަދަ ކަމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ އެމީހުން އުފުލާނެ ކަމަށާއި އެ ހަރަކާތުގެ މަގުސަދަކީ އެންމެން އެއްތަނަކުން އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުން ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހަރަކާތުގައި ބައެއް ދިވެހިން ވެސް ބައިވެރިވިއެވެ.