ޚަބަރު

ރައްކާތެރި ސިއްހީ ހިދުމަތެއް ގާއިމު ކުރުމަށް ހާއްސަ ފްރޭމްވޯކެއް އިފްތިތާހު ކޮށްފި

ފަތޯނާ ފާއިޒު

ރާއްޖޭގައި ރައްކާތެރި ސިއްހީ ހިދުމަތެއް ގާއިމްކުރުމަށް ހާއްސަ ފްރޭމްވޯކެއް އެކުލަވާލައި އިފްތިތާހް ކޮށްފިއެވެ.

"ނޭޝަނަލް ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކް"ގެ ނަމުގައި އެ ފްރޭމްވޯކް އިފްތިތާހް ކޮށްފައިވަނީ، ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ފުރަތަމަ ޕޭޝަންޓް ސޭފްޓީ ދުވަހާ ގުޅިގެން ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކުގައި ތައްޔާރުކުރި އެ ފްރޭމްވޯކް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި ފްރޭމްވޯކް އެކުލަވާލުމުގެ މަގްސަދަކީ މުޅި ސިއްހީ ދާއިރާގެ ހިއްސާއާއެކު، ރައްކާތެރި ސިއްހީ ހިދުމަތެއް ގާއިމު ކުރުން ކަމަށެވެ.

އެގޮތުން އެ ފްރޭމްވޯކްގައި ބައިނަލްއަގްވާމީ ގޮތުން އަމަލުކުރާ އެންމެ ރަނގަޅު ގޮތްތައް ހިމަނާފައިވުމާއި ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނަށް އެކިކަންކަން ދަސްކުރުމަށާއި ހިދުމަތްތައް ރަނގަޅު ކުރުމަށް މަގުފަހިކޮށްދޭއިރު، އެކަންކަން ހާސިލު ކުރުމަށް ބޭނުންވާފަދަ ހުޅުވިފައިވާ މާހައުލެއް އުފެއްދުމަށް އެހީތެރިވެދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ޕޭޝަންޓް ސޭފްޓީ ފްރޭމްވޯކުން ރައްކާތެރި ސިއްހީ ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ ސްޓޭންޑަޑް ތަކާއި އެހީތެރިކަން ފޯރުކޮށްދޭއިރު މިއީ ނޭޝަނަލް، ސަބް ނޭޝަނަލް އަދި ސަރުކާރު އަދި ޕްރައިވެޓް ސިއްހީ ހިދުމަތްދޭ ތަންތަނުގައާއި ގައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ސްކީމް ތަކާއި އަދި ޕްރޮގްރާމްތަކުގައި ބޭނުން ކުރެވޭނެ މުހިންމު މައުލޫމާތު ތަކެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، އެ ފްރޭމް ވޯކުގައި ސިއްހީ ދާއިރާގެ ބޭރުން ސަރުކާރާއި އަމިއްލަ ދާއިރާގެ އިތުރުން ގައުމީ އަދި ބައިނަލްއަގްވާމީ ސްޓޭކް ހޯލްޑަރުންނާއެކު އޮންނަންޖެހޭ ގުޅުމުގެ މައްޗަށް ވެސް ބަލައިލެވިފައިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.