ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔައް ކަމަށްވާ، ހޭންޑް ފުޓް އެންޑް މައުތު ބަލި، ރާއްޖޭގައި ފެތުރެމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، އެ ބަލި ފެތުރެން ފަށާފައިވާތާ ހަފްތާއެއް ވެދާނެ ކަމަށެވެ. ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހްމަދު ފައިސަލްވެސް ވަނީ އެ ބައްޔަށް ސަމާލުވުމަށް އެދިވަޑައިގެންފައެވެ.
"އަތާއި ފަޔާއި އަނގައިގެ ބިހިތައް ބާރަށް އެބަ ފެތުރޭ. އަލާމާތްތައް ފެނިއްޖެނަމަ، ސްކޫލަށް ނުފޮނުވާ. ގިނަ ކުދިން ކުޅޭ އެއްޗެހިތައް، ދޮރުގެ އަތްގަނޑު ކަހަލަ ގިނައިން އަތްޖެހޭ ތަންތަން ރަނގަޅަށް ސާފު ކުރައްވާ." ޑރ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.
ހޭންޑް، ފުޓް، އެންޑް މައުތު ބައްޔަކީ ކޮބާ؟ ބަލި ފެތުރެނީ ކިހިނެއް؟
ހޭންޑް، ފުޓް އެންޑް މައުތު ޑިސީސް އަކީ ކުޑަކުދިންގެ އަތާއި، ފައި އަދި އަނގަޔަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން އަތާއި ފައި އަދި އަނގައިން ބިހިތަކެއް ނަގައި، ބިހި ނެގި ގުނަވަންތައް ވަރަށް ބޮޑަށް ހިރުވައި ކަހައެވެ.
މި ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ނަަމަވެސް، ބަލި ޖެހުމުން، ޑޮކްޓަރުންގެ އިރުޝާދާއެކު ބަލީގެ އަލާމާތްތަކަށް ފަރުވާ ކުރުމުން އެ ބަލިން ރަނގަޅުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. މި ބަލި އާންމުކޮށް ޖެހެނީ އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
މި ބަލި ޖެހޭ ގޮތަށް ބަލާއިރު، ބަލި ޖެހިފައިވާ ކުއްޖެއްގެ ކުޅު، އަރިދަފުސް، ބޮޑު ކަމުދާ ތަކެތި، އަދި ބަލި ހުންނަ ކުއްޖެއްގެ ގައިން ނަގާ ފޮޅުތަކުން ނުކުންނަ ދިޔައިގެ ސަބަބުން މި ބަލި އެހެން މީހަކަށް ވާސިލު ވެދާނެއެވެ.
އެޗްޕީއޭއިން ބުނީ، މި ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށާނެ ކަމަށެވެ. އަދި ވައިރަސް އަށަގަތުމަށްފަހު، އަލާމާތްތައް ނުފެންނަނީސް، އެހެން މީހަކަށް އެ ބަލި ކެހިދާނެ ކަމަށްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެއެވެ.
ބަލީގެ އަލާމާތްތައް!
އެބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުމާއި، ކާހިތްނުވުމާއި، ކަރު ތެރެ ފާރުވުމާއި، އަތާއި ފައިގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު، ބިހިތައް ފޮޅުތަކަކަށް ބަދަލުވުމާއި، ވަރު ދެރަވުން ހިމެނެއެވެ.
ބަލިން ރައްކާތެރިވާނީ ކިހިނެއް؟
މި ބަލިން ރައްކާތެރިވުމަށްޓަކައި ގިނަ ގިނައިން އަތްދޮވުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ކުޑަކުދިން އަތްލާ ތަކެތި ސާފު ކުރުމާއި، މޭޒު، ދޮރުގެ ތަޅު އަދި ގޮނޑި ފަދަ ތަކެތި ސާފުތާހިރުކޮށް ބެހެއްޓުމަކީވެސް އެދެވިގެންވާ ކަމެކެވެެ.
މީގެ އިތުރުން ބޭނުންކޮށްފައި ހުންނަ ނެޕީއާއި ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމުގެ އިތުރުން، އެ ބަލި ޖެހިފައިވާ މީހުންނާއި ގާތްވެ ނޫޅުމަކީވެސް، ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ.
ފަރުވާ އަކީ ކޮބާ؟
އެޗްޕީއޭއިން ބުނީ މި ބައްޔަށް ހާއްސަ ވަކި ފަރުވާއެއް ނެތް ކަމަށެވެ. އެހެންނަމަވެސް ބަލި ޖެހުމުން އަންނަ ހުމަށާއި، އަނގައިގައި ނަގާ ފޮޅުތަކުން ލިބޭ ރިހުން ކުޑަ ކުރުމަށްޓަކައި ޕެނެޑޯލް ބޭނުން ކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބަލި ޖެހިފައިވާ ކުއްޖާއަށް ވީހާވެސް ގިނައިން ދިޔާ ތަކެތި ދޭށެވެ. އޭގެ ތެރޭގައި ކިރާއި، ކުރުނބާފެނާއި، ލޮނުޕެކެޓަކީ ދެވިދާނެ މުހިންމު ތަކެއްޗެވެ. މީގެ އިތުރުން ޔޯގަޓް، އައިސްކްރީމް، ކަސްޓަޑް ފަދަ، ހަފަން ނުޖެހޭ ފިނި ކާނާ ދިނުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދެއެވެ.