މިދިޔަ އަހަރުގެ ޖުލައި 14 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީން ގެއްލުނު މީހާގެ އެއްވެސް ހަބަރެއް ނުވާތާ ދޮޅު އަހަރު ވާން ކައިރި ވެފައިވާާއިރު ފުލުހުންގެ ފަރާތުން އެއްވެސް ހަބަރެއް ލިބިފައި ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ފުވައްމުލަކު، ދޫނޑިގަން، އުމުރުން 49 އަހަރުގެ މުހައްމަދު ޝަފީއު ގެއްލިގެން އޭނާ ހޯދުމަށްޓަކަައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
އާއިލާގެ މެންބަރެއް "ވަން އޮންލައިން" އަށް ކިޔައިދިން ގޮތުގައި ޝަފީއު ހޯދުމުގައި ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބެ އެވެ.
"މިހާރު އޭނަ ގެއްލުނުތާ ދޮޅު އަހަރު ވަނީ. އެކަމަކު ފުލުހުންނަށް ދުވަހަކުވެސް އޭނަގެ ތަހުގީގާ ގުޅޭގޮތުން ޖަވާބެއް ނުދެވޭ،" އޭނާ ކިޔައިދިނެވެ.
އާއިލާގެ މެންބަރު ބުނިގޮތުގައި މިހާރު މާލޭގައި ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ގޮސްވެސް އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
"އެތަނުން ބުނަނީ ފުވައްމުލަކު ޕޮލިހުންނަށޭ އެކަމާ ގުޅޭގޮތުން މައުލޫމާތު އިނގޭނީ. ފުވައްމުލަކުން ވެސް މައުލޫމާތެއް ނުދޭ. އެމީހުން ކުރިން ބުނި ބަލަމުންދާ މައްސަލައެއް ވީމަ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށް،" ޝަފީއުގެ އާއިލާ މެމްބަރު ކިޔައިދިނެވެ.
އާއިލާއިން ބުނިގޮތުގައި ޝަފީއު ގެއްލިފައިވަނީ މާލެއިން އެނބުރި ރަށަށް ދިޔަ ދުވަހުގެ ރޭގައެވެ. އެއަށްފަހު ރަށުގެ މީހުންނާ ފުލުހުން ގުޅިގެންވެސް ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށް އާއިލާއިން ބުނެއެވެ.
އެކަމާ ގުޅިގެން ވަން އަށް ވަނީ ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ނުވެފައެވެ.