ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބެލުމުގައި ހުރި ކަންބޮޑުވުންތައް ޔުނިސެފާ ހިއްސާކޮށްފި

ފަތޯނާ ފާއިޒު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބެލެހެއްޓުމުގައި ދިމާވާ ބައެއް ކަންކަމާ ބެހޭ ގޮތުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ޑރ. މުނީރު ސަފިލްޑިންއާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މުލިއާގޭގައި އިއްޔެ ހެނދުނު ބޭއްވި އެބައްދަލުކުރެއްވުމުގައި، ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކުދިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ފަސްޓްލޭޑީއާއި ޔުނިސެފްގެ މަންދޫބު މަޝްވަރާ ކުރެއްވި އެވެ.

އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ފާސްކޮށް އެގާނޫނަށް އަމަލުކުރުން އަވަސްކުރުމުގެ މުހިންމުކަންވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުންވެސް ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރުމަށް ބާރު އެޅުމާމެދުވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ބެލެނިވެރިންގެ ފުރިހަމަ ސަމާލުކަން އެކުދިންނަށް ދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކުދިންނަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާރުއެޅުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި މެދު ހޭލުންތެރިކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.