އައްޑު އަތޮޅާއި ފުވައްމުލަކު އަތޮޅު، ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާމެދު މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ރައީސް އޮފީހުން ބުނީ، މި ދެ އަތޮޅަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ، ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ފޮނުވުމުގެ އެންމެބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިގުތިސޯދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލް އަކަށް ވާތީއެވެ.
އެގޮތުން މި ދެ އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، ދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ލިބޭ އިގުތިސޯދީ ފައިދާ އިތުރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ދެ އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅޭއިރު ބަޔޮސްފިޔާ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފާޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.