ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ޓާސްކް ފޯހެއް އުފައްދަން ރައީސް ނިންމަވައިފި

ޝަހީދާ އަބްދުﷲ ސައީދު

1

ގާނޫނީ އިމުން ބޭރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް، ސަރުކާރުގެ މަތީފެންވަރުގެ ޓާސްކްފޯހެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެ ޓާސްކް ފޯހަކީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށާއި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް، އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ އުސޫލުގެ ތެރެއިން އުފައްދަވާ ޓާސްކް ފޯހެކެވެ.

އެ އުސޫލަށް އަމަލުކުރައްވަން ރައީސް ނިންމެވީ މިއަދު ބޭއްވެވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ، "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް"ގެ ނަމުގައި އުފެއްދެވުމަށް ނިންމެވި އެ ޓާސްކް ފޯހުގެ މަސައްކަތަކީ ގާނޫނާ ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމާއި ރާއްޖޭގައި ގެންގުޅުމާއި ގާނޫނީ އިމުން ބޭރުން ރާއްޖޭގައި ބިދޭސީން ދިރިއުޅެމުން ގެންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުގެ މަތީ ފެންވަރުގައި މަޝްވަރާކޮށް، އަޅާނެ ފިޔަވަޅުތަކެއް ގާއިމުކުރުމުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި ވިލަރެސްކުރުން ކަމަށެވެ.

އޭގެ އިތުރުން އެ ސިޔާސަތުގައި ގާނޫނީ އިމުން ބޭރުން ރާއްޖޭގައި މަސައްކަތްކުރާ ނުވަތަ ދިރިއުޅެމުން ގެންދާ ބިދޭސީންގެ ކަންކަމަށް ހައްލެއް ހޯދުމާއި އިގްތިސޯދީ މަސައްކަތްތަކަށް ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ގުޅޭ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އިންތިޒާމު ކުރުން ހިމެނެއެވެ.

އެގޮތުން ވަޒީފާ އަދާކުރުމަށް ބިދޭސީން ރާއްޖެ އައުމަށްފަހު، ގާނޫނީ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ ފަރާތްތައް، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި "ރެގިއުލަރައިޒޭޝަން" ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް، ވިޔަފާރިތަކަށް ކޯޓާ ދޫކުރުމުގައި އަމަލުކުރާނެ އުސޫލު އަލުން އެކަށައެޅުމަށާއި އަދި އިގްތިސޯދީ މަސައްކަތްތަކަށް ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެ ގެނައުމުގައި މިހާރުގެ ގާނޫނީ އޮނިގަނޑު ފަރުމާކުރެވިފައިވާ ގޮތުން ނުކުންނަ ނުރަނގަޅު އަދި ނޭދެވޭ ނަތީޖާތައް ނައްތާލުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ހުށަހެޅިފައިވާ ގޮތަށް ބަދަލު ގެނައުމަށް ކެބިނެޓްގެ ލަފާގެ މަތިން ރައީސް ވަނީ ނިންމަވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟