ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ރޭ 4:40 ހާއިރު ފުލުހުންނަށް ގަލޮޅުގައި ހުންނަ މޯބައިލް ފިހާރައެއް ފަޅާލައިގެން ވައްކަންކޮށްފައިވާ މައްސަލައެއްގެ ރިޕޯޓު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ލިބުނު ރިޕޯޓާއި ގުޅިގެން އެސަރަހައްދަށް ދިޔައިރު ފިހާރަ ތެރެއިން ދަބަހެއް އަޅައިގެން އެ މީހާ ނިކުންނަނިކޮށް ފެނިފައިވާކަމަށެވެ. އަދި ފުލުހުން ފެނުމާއެކު އެމީހާ ދަބަސް އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރި ކަމަށެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާގެ ފަހަތުން ގޮސް ހައްޔަރުކޮށްގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހާ އެއްލާލި ދަބަސް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ޓެބްލެޓްގެ އިތުރުން މޯބައިލް ފޯނާއި ގުޅުން ހުރި އެކި ސާމާނު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހިގީގު ކުރަމުންނެވެ.