މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

60 ދުވަސްތެރޭ ޓެކްސީ އެޕްލިކޭޝަން ތައްޔާރުކޮށް ރަޖިސްޓްރީ ކުރަން ފުރުސަތު ދީފި

ޝަހީދާ އަބްދުﷲ ސައީދު

60 ދުވަހުގެ ތެރޭ ޓްރާންސްޕޯޓުން ގަބޫލުކުރާ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރެޖިސްޓްރީ ކުރުމަށް ޓެކްސީ ސެންޓަރުތަކަށް ފުރުސަތު ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އާންމު ކުރި އިއުލާނެއްގައި، ބުނީ އެގޮތަށް ނިންމީ އެ އޮތޯރިޓީގައި ރެޖިސްޓްރީކުރާ ޓެކްސީތަކަކީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ އެޕްލިކޭޝަނެއްގައި ރެޖިސްޓްރީކޮށްފައިވާ ޓެކްސީއަކަށް ވާންޖެހޭނެކަމަށް ކަނޑައަޅާފައި އޮތް އުސޫލު ބާތިލު ކުރުމަށްފަހު ކަމަށެވެ.

އަދި އެގޮތަށް ކަނޑައެޅީ ގިނަ ޓެކްސީ ސެންޓަރުތަކުން އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެކަމަށް އެދުމުންކަމަށެވެ.

އެހެންކަމުން ކުރީގެ އިއުލާން ބާތިލުކޮށް، ޓެކްސީތަކަށް ސެންޓަރުގައި ރެޖިސްޓްރީވުމުގެ ފުރުސަތާއި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދީފައިވާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ އޮތޯރިޓީން ކަނޑައަޅާ އެޕްލިކޭޝަނެއްގެ ބަދަލުގައި، ކޮންމެ ޓެކްސީ ސެންޓަރަކަށްވެސް އެ އޮތޯރިޓީން ކަނޑައަޅާ މިންގަނޑަކާ އެއްގޮތަށް އެޕްލިކޭޝަން ތައްޔާރުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

އަދި ޓެކްސީ ސެންޓަރުތަކުން ތައްޔާރުކުރާ އެޕްލިކޭޝަންތައް 60 ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން އަމިއްލަ ކާރުތަކަށް ޓެކްސީ ހިދުމަތް ދެވޭނީ ކުރިންވެސް އުސޫލުގައި ބުނާގޮތަށް އެޕްލިކޭޝަނެއްގައި ރަޖިސްޓްރީވެގެންނެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތަކާއި އުސޫލުތަކެއް ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅައިފައި ވަނީ ބައެއް ޑްރައިވަރުން އެކަށީގެން ނުވާ ބޮޑެތި އަގުތަކުގައި ޓެކްސީ ކުރަމުންދާތީއެވެ. އަދި މާލެ ސަރަހައްދުގައި ޓެކްސީ ކުރެވޭނެ އަގުތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައި، އެ އަގުތަކަށްވުރެ ބޮޑު އަގުގައި ޓެކްސީކުރާ ފަރާތްތަކާ މެދު މިހާރު ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.