މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ކޮމިޝަނާ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިވިއެވެ.

މިދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިއަދުއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގު ކުރުމާއެކު ސަރުކާރުން މި ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިމަހު 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ މި ދެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބޭނެ ކަމަށެވެ. މި ދެ މަގާމަށް އެދި ފޯމުލާން ޖެހެނީ ރައީސް އޮފީހަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 59 މެންބަރުންގެ ވޯޓުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމަށް މިމަހު ތިންވަނަ ދުވަހު ފާސްކުރި އިރު، އެ އިސްލާހު ރައީސް ސޯލިހު ތަސްދީގު ކުރައްވާފައިވަނީ މިމަހު 13ގައެވެ. މި އިސްލާހުގައި ބުނާގޮތުން، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން މީރާގެ ބޯޑު އެއްކޮށް އަލުން އެކުލައިވާލަން ޖެހޭނެއެވެ. އިސްލާހުގެ ދަށުން އެމަގާމުތަކަށް މީހުން އައްޔަން ކުރެވޭނީ މަޖިލީހުން ރުހުން ދީގެން ރައީސުލްޖުމުހޫރިއްޔާ އަށް ކަމަށް ވާތީއެވެ. އެއާއެކު ދައުލަތުގެ ޓެކްސް އިދާރާ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމު ވަނީ ގެއްލިފައެވެ.