ސީއެމްޑީއޭ

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސީއެމްޑީއޭގެ ސީއީއޯ ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މި ވަނީ އެ މަގާމުގައި ކުރިން ހުންނެވި ނާދިޔާ ހަސަން މިދިޔަ އޯގަސްޓް މަހުގެ ފަހުކޮޅު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ސީއެމްޑީއޭ އިން ކޮށްފައިވާ އިއުލާނުގައި ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ފައިނޭންސް، އެކައުންޓިން، އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބޭންކިން، ނުވަތަ ގުޅުންހުރި ދައިރާއަކުން ބެޗެލާސް ޑިގްރީ، ނުވަތަ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް އަށަކަށް ފެތޭ ސަނަދެއް އޮތް ބޭފުޅަކަށް ވާންޖެހޭނެ ކަމަށާއި މިމަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ މިފަދަ ކަމަކާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން ހަތް އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ އަސާސީ މުސާރައަކީ 25،000 އާ 30،000 އާ ދެމެދު ކަމަށާއި މީގެ އިތުރުން ކޮންމެ މަހަކު ފިކްސްޑް އެލެވަންސްގެ ގޮތުގައި 12،000 އަދި ބޯޑު އެލަވެންސްގެ ގޮތުގައި 10،000 ލިބޭނެކަމަށް ސީއެމްޑީއޭއިން މައުލޫމާތުދެއެވެ.

ސީއެމްޑީއޭގެ އިންފޮމޭޝަން އޮފިސަރު ސަރާ މުހައްމަދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ސީއެމްޑީއޭގެ ސީއީއޯގެ މަގާމު މިހާރު ވަގުތީގޮތުން ފުރުއްވަމުން ގެންދަވަނީ ހެޑް އޮފް މާކެޓިން ޑިވެލޮޕްމެންޓް ފާތިމަތު އަބްދުﷲ ކަމާލުއްދީން ކަމުގައެވެ.

މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، ކުރިމަތިލުމުގެ އެންމެ ފަހު ތާރިހަކީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ކަމަށް ވެސް ސީއެމްޑީއޭ އިން މައުލޫމާތުދެއެވެ.