ރާއްޖޭގައި ތިބި ފަންނުވެރި މީހުންނަށް އަޅާނުލެވި، އެމީހުންނަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން އެފަދަ މަސައްކަތްތެރިންގެ މަސައްކަތްތައް ހީނަރުވެފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، "ފަންނު އެކްސްޕޯ 2019" ލޯންޗް ކުރުމަށް ނޭޝަނަލް އާޓް ގެލަރީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ރާއްޖެއަކީ މުއްސަނދި ސަގާފަތެއް އޮންނަ ގައުމެއް ކަމަށާއި އެންމެ ކުރިއްސުރެ ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން ކަމަށެވެ.
ނަމަވެސް މިއަދު އެފަދަ މައުރަޒެއް ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރާއިރު މިފަދަ ހުނަރުތައް ތަރައްގީނުވެ ހުރީ ކީތްވެގެންތޯ ވިސްނާލުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއްވެސް މީހަަކަށް، އެއްވެސް ކަމެއް ކުރެވޭނީ އެކަމުން ފައިދާއެއް ކުރާނަމަ. ފަސޭހަކަމާއެކު އެކަމެއް ކުރެވޭނެ މަގު ފަހިވެގެން" ފަންނުވެރިންގެ މަސައްކަތްތައް ހީނަރުވާ ސަބަބު ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ ތެރޭގައި ހުރި ހުނަރުތައް އާލާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ މުޅި ދިވެހި ގައުމުގެ ގައުމީ ވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެ ކަމެއް ކަމަށް އިޝާރާތް ކުރައްވާ ނައިބް ރައީސް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ބޮޑަށް އަމާޒު ހިއްޕަވާފައިވަނީ ރަނގަޅު ޖީލެއް ބިނާކޮށް ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެއްދެވުމަށް ކަމަށެވެ.
އެގޮތުން ސްކޫލް ނިޒާމުގެ ތެރެއިން ވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ކޮންމެ މީހަކީ ވެސް ގައުމަށްޓަކައި، އަމިއްލަ ދިރިއުޅުމަށްޓަކައި، މަސައްކަތްތެރި މީހަކަށް ވުމުގެ އަޒުމް ކަނޑައަޅައި، ރާއްޖެއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ފަންނު އެކްސްޕޯއަކީ އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެ އާއި ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.
މި މައުރަޒަކީ ރާއްޖޭގެ އިގްތިސާދުގައި ހިއްސާ ކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނެ މާހައުލެއް ގާއިމު ކުރުމަށް ބާއްވާ މައުރަޒެކެެވެ.
މި މައުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ދަތުރުފަތުރާއި އިމާރާތްކުރުމާއި އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުމާއި ކާބޯތަކެއްޗާއި ބަހުގެ އުފެއްދުންތަކާއި ލަކުޑީގެ އުފެއްދުންތަކާއި ފެޝަން އެންޑް ޑިޒައިނާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.