އެފްއޭއެމް

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ ސެންޓޭ އާއި ރިޒޭ، ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި

އަލީ ރިފްޝާން

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ، އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒުވާން (ރިޒޭ)، 50،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ދެ ކުޅުންތެރިން ޖޫރިމަނާކޮށްފައިވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗަށް ވިސާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާއަށް ދަތުރުކޮށްފައި ނުވާތީ އާއި ގުއާމް އާއި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީއެވެ.

އެފްއޭއެމް އިން ބުނީ އެ މައްސަލަތައް ބެލުމަށް ފަހު ކްލަބު އީގަލްސްގެ ދެ ކުޅުންތެރިން ކަމަށްވާ ސެންޓޭ އާއި ރިޒޭ 50،000 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށާއި އެ އެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކުގައި އެ ދެ ކުޅުންތެރިންނަށް ބައިވެރިވެވޭނީ އެ ފައިސާ ދެއްކުމުން ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމަށް ސެންޓޭ އާއި ރިޒޭ ނެގުމުން އެކަށީގެންވާ އުޒުރެއް ނެތި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވުމަކީ އެފްއޭއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ސެންޓޭ އާއި ރިޒޭއަކީ އާންމުކޮށް ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ، ގައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިންނެވެ.